ޗައިނާގެ ކުންފުންޏަކުން އެ ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ބޮޑުބައެއް މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ބަހައިފި އެވެ.
މި ޚަބަރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
ހެނާން ކުއާންޝާން ކްރޭން ކޯ ލިމިޓެޑުން މިދިޔަ އަހަރު ލިބުނު 270 މިލިއަން ޔުއާންގެ ފައިދާގެ ތެރެއިން، 180 މިލިއަން ޔުއާން (ގާތްގަނޑަކަށް 26 މިލިއަން އެމެރިކާ ޑޮލަރު) ވަނީ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ދީފަ އެވެ. ފެބުރުވަރީ 13 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ އަހަރީ ހަފުލާގައި އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ ޔުއާން (8.7 މިލިއަން އެމެރިކާ ޑޮލަރު) ނަގުދު ފައިސާއިން ވަނީ ބަހާފަ އެވެ.
ގާތްގަނޑަކަށް 7،000 މީހުންނަށް ބައިވެރިވެވޭ ގޮތަށް 800 މޭޒު ބަހައްޓައިގެން ބޭއްވި މި ބޮޑު ޖާފަތުގައި، މުވައްޒަފުން ސްޓޭޖަށް އަރުވައި ފައިސާގެ އިނާމުތައް ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން، ފައިސާ ގުނުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ހަރަކާތުގައި ކަނޑައެޅިފައިވާ ވަގުތެއްގެ ތެރޭގައި މުވައްޒަފަކު ގުނާ ފައިސާއެއް އެ މީހަކަށް ގެންދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދިގު މޭޒުތަކެއްގެ މަތީގައި އަތުރާފައިވާ ފައިސާތައް މުވައްޒަފުން ގުނަމުންދިޔައިރު، ބައެއް މުވައްޒަފުން ސްޓޭޖުން ފައިބައިގެން ދިޔައީ އަތްނުފޯރާ ވަރަށް ފައިސާ ބޮނޑިތައް އުފުލައިގެންނެވެ. މި ހަފުލާގެ ތެރެއިން އެ ކުންފުނީގެ ވެރިޔާ ސުއީ ޕެއިޖުން، ފައިނޭންސް ޑިޕާޓްމަންޓަށް ގޮވާލައި، އިނާމުގެ ގޮތުގައި ދޭން ހުރި ދޮންނަ މެޝިނާއި އެހެނިހެން ތަކެތީގެ ބަދަލުގައި، ކޮންމެ މުވައްޒަފަކަށް އިތުރު 20،000 ޔުއާން (2،800 އެމެރިކާ ޑޮލަރު) ނަގުދު ފައިސާއިން ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!