ޖެފްރީ އެޕްސްޓައިންގެ މައްސަލައިގައި ފެންމަތިވި އާ މައުލޫމާތުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ކުރީގެ އަމީރު އެންޑްރޫ ހައްޔަރުކޮށްފިއެވެ.

އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ ހައްޔަރުކޮށްފައިވަނީ، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓައިންއާއެކު އޭނާ ބޭއްވި ގާތް ގުޅުންތަކާއި މުއާމަލާތްތަކާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

އަމީރު އެންޑްރޫ ހައްޔަރުކޮށްފައިވަނީ އޭނާގެ 66 ވަނަ އުފަންދުވަހު، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސްގެންނެވެ. އިނގިރޭސިވިލާތުގެ ތޭމްސް ވެލީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 66 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ދައުލަތުގެ މަގާމެއްގައި ހުރެ ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައެވެ. އަދި މި މައްސަލައާ ގުޅިގެން ބާކްޝަޔަރ އަދި ނޯފޯކްގެ ދެ އެޑްރެހެއް ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ.

ގައުމީ އުސޫލުތަކާ އެއްގޮތަށް، ހައްޔަރުކުރި މީހާގެ ނަން ފުލުހުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، މިއީ އެންޑްރޫއާ ގުޅުންހުރި ކަމެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ކިންގް ޗާލްސްގެ ކޮއްކޯފުޅު އަދި ކުރީގެ ރާނީ އެލިޒަބަތުގެ ދަރިކަލުން އެންޑްރޫއަށް، އެޕްސްޓައިންއާ އޮތް ގުޅުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ތޭމްސް ވެލީ ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ރަސްމީ ތަހުގީގެއް ފެށުމަށް ބޭނުންވާ ހެކި ހުރިތޯ ބެލުމަށް، އިނގިރޭސިވިލާތުގެ ޕްރޮސެކިއުޝަން ސާވިސްގެ މާހިރުންނާއެކު ފުލުހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެންޑްރޫ އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެޕްސްޓައިންއާ ގުޅުވައިގެން ކުރެވޭ އެއްވެސް ތުހުމަތަކަށް އޭނާ އިއުތިރާފް ނުވާ ކަމަށެވެ. ނަމަވެސް، އޭނާ އިނގިރޭސިވިލާތުގެ ވިޔަފާރިއާ ބެހޭ މަންދޫބެއްގެ ގޮތުގައި ހުންނެވިއިރު، އެޕްސްޓައިންއަށް ސިއްރު އަދި ހައްސާސީ މައުލޫމާތުތަކެއް ހިއްސާކުރި ކަމަށް މިހާރު ވަނީ ތުހުމަތު ކުރެވިފައެވެ.

ތޭމްސް ވެލީ ޕޮލިސްގެ އެސިސްޓަންޓް ޗީފް ކޮންސްޓަބަލް އޮލިވަރ ރައިޓް ވިދާޅުވީ، ފުރިހަމަ ދިރާސާއަކަށް ފަހު، ދައުލަތުގެ މަގާމެއްގައި ހުރެ ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި މިހާރު ރަސްމީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. މި މައްސަލައަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ.