މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 15 މިސްކިތެއް ހުޅުވިފައިވާއިރު، ރޯދަ މަހުގެ ތެރޭގައި އިތުރު މިސްކިތްތައް ހުޅުވި ޖުމްލަ 19 މިސްކިތް ބޭނުންކުރަން ފެށޭނެއެވެ. މީގެ ތެރޭގައި ސަރުކާރުން ބިނާކުރި މިސްކިތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް ވެސް ހިމެނެއެވެ.

މާލެ ސިޓީގައި 800 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ ފިރިހެނުންނާއި އަންހެނުންގެ ބައިތައް އޭސީ ކުރެވިފައިވާ ކަމަށާއި، ސަލްމާން މިސްކިތުގެ އޭސީއަށް ދިމާވެފައިވާ މައްސަލަ ވެސް ރޯދަ މަހަށް ހައްލު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ތަރާވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުން ކަމަށާއި، މާލޭގެ 24 މިސްކިތެއްގައި ޒުވާން ދިވެހި ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދީނީ ހަރަކާތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރޯދަ މަހުގެ ތިންވަނަ ހުކުރުގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ ޒުވާން ޚަޠީބުން ކަމަށެވެ. އަދި އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ވެސް ޒުވާނުން އިމާމުވެ ނަމާދު ކުރާނެއެވެ. މީގެ އިތުރުން، އަތޮޅުތަކުގެ 10 ރަށެއްގައި އިޙުޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ އަތޮޅުތަކުގައި އެންމެ ގިނަ ފޯރަމް ބޭއްވޭ އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެވިފައިވާ ކަމަށާއި، ޤުރުއާން ޓީޗަރުން ނެތް 10 ރަށަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް، ޤުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އިއްޔެ ޓީޗަރުން ފޮނުވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި އަހަރަކީ އެންމެ ގިނަ ހާފިޒުން ދަސްވެނިވާ އަހަރު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.