މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ދަށުން ހިންގާ ހަތަރު ވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

Ad
rt

މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ އައިނު ހެއްދުމަށް އާންމުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކޮށް، ލުއިފަސޭހަ ގޮތެއްގައި އަތޮޅުތަކުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވުނު ފިހާރައެކެވެ.

މި ފިހާރަ ހުޅުވުމާ ގުޅިގެން އެމް.ސީ.ޖީ.އެޗްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވާފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އުތުރާއި ދެކުނުގައި އާސަންދަ މެދުވެރިކޮށް ހިލޭ ނަންބަރު އައިނު ހެދުމުގެ ޚިދުމަތް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަވަރުކޮށްދޭ މިންވަރު 2،000 ރުފިޔާއަށް ބޮޑުކޮށްދީފައެވެ. މިއީ ގިނަ ރައްޔިތުންގެ ދުވަސްވީ ކަންބޮޑުވުމަކަށް ލިބުނު ބޮޑު ހައްލެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 12،900 އަށްވުރެ ގިނަ މީހުން ލޯ ދައްކާފައިވާއިރު، އޭގެ ތެރެއިން 12،000 އަށްވުރެ ގިނަ މީހުން ވަނީ އައިނު ހައްދާފައެވެ.

މާލެ ސަރަޙައްދުގައި އައި.ޖީ.އެމް.އެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރުވެސް އައިނު ފިހާރަ ހިންގަމުންދާއިރު، އަތޮޅުތެރޭގައި މި ޚިދުމަތް މިހާރު ލިބެނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި ޚިދުމަތަށް އޮތް ބޮޑު ޑިމާންޑަށް ބަލައި ޚިދުމަތް އިތުރަށް އަވަސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.