އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ "އިޙްޔާ ފޯރަމް" މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މާލޭގައި 8 ފޯރަމް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އަތޮޅުތެރޭގައި އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިގޮތުން ހއ. އިހަވަންދޫ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުން 10 ރަށެއް ވަނީ ހޮވާފައެވެ.
އަތޮޅުތެރޭގައި ފޯރަމްތައް ބާއްވާނެ ތާވަލު
އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ފޯރަމް އޮންނާނީ 3 ރަމަޟާން (20 ފެބްރުއަރީ 2026) ގައި ތ. ދިޔަމިގިލީގައެވެ. އެއަށްފަހު ގދ. ތިނަދޫ، ގދ. މަޑަވެލި، އަދި ގދ. ގައްދޫގައި ފޯރަމްތައް ކުރިއަށްދާނެއެވެ. ހއ. އިހަވަންދޫގައި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ރަމަޟާން (27 ފެބްރުއަރީ 2026) ގައެވެ. މީގެ އިތުރުން ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައިވެސް މި ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ސިލްސިލާ ފޯރަމްތަކުގައި ދީނީ ގޮތުން މުހިންމު އެކި މައުޟޫއުތަކަށް ދީނީ އިލްމުވެރިން ވާހަކަދައްކަވާނެއެވެ. އޭގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި، އަޅުކަންތަކުގައި އެކުލެވޭ އިބުރަތްތަކާއި، މައިންބަފައިންނާއި ދަރިންގެ ގުޅުން ފަދަ މުހިންމު މައުޟޫއުތައް ހިމެނެއެވެ. މި ފޯރަމްތަކުގައި ތަގުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމު ޙާލިދު، އައްޝައިޚް މުޙައްމަދު ސާމީ އަދި އައްޝައިޚް ޢަލީ ޝަހީދު ފަދަ ބޭފުޅުންނެވެ.
މި ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ. ޚާއްޞަ ކަމެއްގެ ގޮތުން، މިއަހަރުގެ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވީހާވެސް ގިނަ ބޭފުޅުން މި ފޯރަމްތަކަށް ހާޒިރުވެ ދީނީ އިލްމު އުނގެނުމަށް އިލްތިމާސްކޮށްފައެވެ. މި ފޯރަމްތައް ކުރިއަށްދާނީ ކަނޑައެޅިފައިވާ ތާރީޚްތަކުގެ ރޭގަނޑު، އެ ރަށްރަށުގެ ކަނޑައެޅޭ މަރުކަޒުތަކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!