ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އައު އަހަރު ކަމަށްވާ "ޤަޟާޢީ އަހަރު 2026" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގެ މައިގަނޑު މަޤްޞަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކުރެވުނު މަސައްކަތްތައް ވަޒަންކުރުމާއި، ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ އައު ލަނޑުދަނޑިތައް ހާމަކުރުމެވެ.
މި ބައްދަލުވުމުގެ ތެރެއިން ޝަރުޢީ ދާއިރާ އިދާރީގޮތުންނާއި ޝަރުޢީގޮތުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވަނީ ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ ފަނޑިޔާރުންގެ ޚިދުމަތުގެ އަގުވަޒަންކޮށް އެ ބޭފުޅުން ތަކްރީމުކުރައްވާފައެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، އެކި ގޮތްގޮތުން ޝަރުޢީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަދާނީ ފިލާ އަރުވާފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބުދުލް ޣަނީ މުހައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. އެމަނިކުފާނުގެ ބަޔާނުގައި ޝަރުޢީ ދާއިރާގެ ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ޤަޟާއީ އަހަރު އިފްތިތާޙްކުރުމަކީ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ތަރުތީބުކޮށް ހަރުދަނާކުރުމަށް ބާއްވާ މުހިންމު ޙަރަކާތެކެވެ. އެގޮތުން، 2021 ވަނަ އަހަރު ފިޔަވައި، ފާއިތުވި 9 އަހަރުވެސް މި ޙަރަކާތް ވަނީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ފަނޑިޔާރުންނާއި، ޤާނޫނީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!