މިއަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް، އެއަށް ޢަމަލުކުރާން ފެށުމަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ.
3 ޑިސެމްބަރު 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ، ޒަމާނީ އޮނިގަނޑެއްގެ ތެރެއިން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ފެށުން
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު، ''ހަފުތާ 14'' އިން ޖާގަ ހޯދި އެއްކަމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި "މޯލްޑިވްސް ޒަކާތު ހައުސް" ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދެވުމެވެ. އެކަމުގައި ޙަޤީޤީ ކުލަޖޭކަށް މާ ދުވަހެއް ނުވެއެވެ. މި ވެރިކަމަށް ފުރަތަމަ މަސް ފުރި އައި ފުރަތަމަ ދުވަހު، 18 ޑިސެމްބަރު 2023 ގައި ރައީސްގެ ގަރާރަކުން ވަނީ ޒަކާތު ހައުސް އުފައްދަވަފާއެވެ. އެއިގެ ފަހުން ޒަކާތު ފަންޑު ބެލެހެއްޓުމާއި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ މަސައްކަތް ކުރަމުން އައީ މި އިދާރާގެ ބެލުމުގެ ދަށުންނެވެ.
އެއިގެފަހުން މި ނިޒާމު ތަރައްގީކުރުމަށް ވަނީ ކަމާ ބެހޭ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތްކޮށްފައެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރި މުހިއްމު އިދާރާއަކަށް ވެގެންގޮސްފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ފާހަގަކުރަށްވާފައެވެ.
ޒަކާތުގެ ބިލު ފާސްކުރުން
ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު 11 އޮގަސްޓް 2025 ގައި މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވެގެން ދިޔައީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާޤުން މި ބިލު ފާސްވުމަކީ، ޒަކާތުގެ ނިޒާމު އިޞްލާޙުކުރުމަށް އޮތް ޤައުމީ އެއްބަސްވުން ހާމަކޮށްދޭ ކަމެކެވެ. މީގެ ކުރިން އިދާރީ އުޞޫލުތަކެއްގެ މަތިން ހިނގަމުން އައި ޒަކާތުގެ ކަންކަން، މިހާރު މިވަނީ ވަރުގަދަ ޤާނޫނީ ބިންގަލެއްގެ މައްޗަށް ބަދަލުވެފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް، ބިލު ފާސްކޮށްފި
ޒަކާތުގެ ޤާނޫނުގެ މުހިންމު ބައިތައް
މި ޤާނޫނުގެ މަޤްޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
މި ޤާނޫނަށް މިއަދު 1 ޖެނުއަރީ 2025 އިން ފެށިެގން ޢަމަލުކުރަން ފެށިފައިވާއިރު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދިގެންދާނެއެވެ. މިކަން ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ފަންޑު އުފެދުމާއެކު، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި "ޒަކާތު ފަންޑު" އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ފަންޑަށް ބަދަލުވާނެއެވެ.
ޒަކާތު ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ ޤާނޫނުގެ ބިލު ތަސްދީޤުކުރައްވައިފި
މި ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުން، ޒަކާތާ ގުޅޭ ޤައުމީ ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭނެ "ޒަކާތު ކައުންސިލެއް" އެކުލަވާލުމާއި، ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ޚާއްޞަ "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް" އުފެއްދުން މި ޤާނޫނުން ލާޒިމުކުރެއެވެ. މިކަމުގެ ސަބަބުން ޒަކާތުގެ އެންމެހައި ކަންކަން ހިނގަމުންދާނީ ދީނީ އަދި އިދާރީ ގޮތުން އެންމެ ފުރިހަމަ އިތުބާރާއެކުގައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ. އަދި ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އިދާރާގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، މި ޤާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ.
ޒަކާތު ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މޯލްޑިވްސް ޒަކާތު ހައުސް އާއި ސަރުކާރުގެ ތަޞައްވުރު
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެފައިވާގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ޒަކާތުގެ ނިޒާމެއް ރާއްޖޭގައި ބިނާކުރުމެވެ. މި ތަޞައްވުރުގެ ދަށުން، ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތުގެ އެންމެހައި ކަންކަން އެ އިދާރާގެ ދަށަށް މިހާރު ވަނީ ބަދަލުކުރެވިފައެވެ. މިއީ ޒަކާތުގެ ނިޒާމު މަރުކަޒީކޮށް، ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ހިންގުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
2025 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސްގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޢިލްމީ ދާއިރާއަށް އަންނަ އިންޤިލާބީ ބަދަލު
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ފާހަގަކުރަށްވާފައިވާގޮތުގައި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ތެރެއިން، އިސްލާމީ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށްޓަކައި 7 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން "ޒަކާތު ސްކޮލަރޝިޕް" ދޭން ވަނީ ފަށާފައެވެ. އެގޮތުން، ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 50 ސްކޮލަޝިޕްގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އިދާރާތައް ހިންގާނެ ޤާބިލު މީހުންނާއި، އިސްލާމިކް ފައިނޭންސް ފަދަ މުހިންމު ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމެވެ.
ޒަކާތު ހައުސް ތާރީހުގެ ތެރެއަށް
ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ލިބުނު އައު ދިރުމެކެވެ. މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކާއެކު، ޒަކާތުގެ ފަންޑު މެދުވެރިކޮށް މުޖުތަމަޢުގެ ފަޤީރުކަން ނައްތާލުމަށާއި ޢިލްމީ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ އުންމަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!