ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމާއި، ޕާޓީތަކުން ވަކިވުމުގެ ކަންކަން މިހާރަށްވުރެ ލުއިފަސޭހަކޮށް އަދި އަވަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ. މި ބަދަލުތަކަކީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅި ފިޔަވަޅުތަކެކެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ކޮމިޝަންގެ 'މައި ޕޯޓަލް' މެދުވެރިކޮށް ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅާ ރިކުއެސްޓްތައް 30 ދުވަހުގެ ތެރޭގައި އެ ޕާޓީއަކުން ޕްރޮސެސް ނުކޮށްފިނަމަ، އެ މީހަކު އަމަލީ ގޮތުން އެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވާނެއެވެ.
މީގެ އިތުރުން، ޕާޓީއަކުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމާއެކު، އެ ވަގުތުން ފެށިގެން އެ މީހަކު ޕާޓީން ވަކިވާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް އުސޫލު
ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާނަމަ، އެ މަގާމަކުން ވަކިވުމަށް ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. މިއީ ޕާޓީތަކުގެ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލުތައް ސައްހަކޮށް ބެލެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.
ޕާޓީތަކަށް ދީފައިވާ ލުއިތައް
ޕާޓީގެ މެންބަރަކު ދަފުތަރުން އުނިކުރަން ޕާޓީން ބޭނުންވާ ހާލަތްތަކުގައި، 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ. މި ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ ދަފުތަރު އަދާހަމަކުރުމުގައި ހުރި އިދާރީ ހުރަސްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!