ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއީ 28 އޮކްޓޯބަރު 1990 ގައި އެ ވައިގެބަނދަރު ހުޅުވިފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓެވެ. މީގެ ކުރިން ފިއުލް ކުރުމަށް ވައިގެބަނދަރަށް ވަނީ ޖެޓެއް ޖައްސާފައެވެ.

Ad
rt

މިއަދު ހެނދުނު 9:40 ހާއިރު ހަނިމާދޫ އަށް ޖެއްސި މެޖެޓަކީ ހއ. އަތޮޅު ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެއްގެ ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން އައިކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ޗެކްރިޕަބްލިކްގެ ވެރިރަށް ޕެރާގުން ފުރައިގެން ހަނިމާދޫ އަށް އައި ޖެޓެއްކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި 9 ނޮވެމްބަރު 2025 ގައި ރަސްމީކޮށް ބޭނުންކުރަންފަށާފައިވާއިރު، މި ވައިގެބަނދަރު ތަރައްގީކޮށްފައި ވަނީ އެއްފަހަރާ 15 ވަރަކަށް ޖެޓަށް ޚިދުމަތް ދެވޭގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.

ހަނިމާދޫގައި ތަރައްގީކުރި ވައިގެ ބަނދަރުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭއިރު، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ އަޅާފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ވަނީ ތަރައްގީ ކޮށްފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ފިއުލް ޖެޓީ އެއް ވެސް ވަނީ އަޅާފައެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ޓާމިނަލުން 15 އޮކްޓޯބަރު 2025 އިން ފެށިގެން ވަނީ ޚިދުމަތްދޭން ފަށާފައެވެ.

ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.