ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެހި ފުލުހުންގެ ވަޒީފާގެ ޚިދުމަތުގައި ހުރި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއަރއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައިކަމަށް ވެސް ބުންޏެވެ.
''މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހެކެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.'' ފުލުހުން ބުންޏެވެ.
މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!