މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

Ad
rt

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނާއި ނޭޕާލްގެ އަންހެނެކެވެ. އެއީ މާލެ، ދަފްތަރު ނަންބަރު ރސ. 10367 ގެ ޙަސަން އަނަސް (22އ) އާއި، ޏ. ފުވައްމުލައް، ދޫޑިގަން، އަތަގަސްދޮށުގެ މޫސާ ޝަހީމް (22އ) އާއި، ބ. ގޮއިދޫ، އާވެލި ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.

ފުލުހުން ބަލައިފާސްކުރި މި ތަންތަނުން ޖުމްލަ 377.39 ގްރާމްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެއެވެ. މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ދިންއިރު، ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި އަށް ފުރަތަމަ ދިނީ އެއް ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް، ނިޝާ ރާއީގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް އަލުން ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދިން އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ވަނީ 5 ދުވަހުގެ މުއްދަތެއް އިތުރަށް ދީފައެވެ.

މިމައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ. ފުލުހުން މިކަހަލަ މައްސަލަތައް ބެލުމުގައި ގިނަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.