ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ބާދަގަނޑުގެ ގޮތުގައި 1083 ރުފިޔާއަށް ވިއްކާލާފައި ހުއްޓައި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 40 ހޯސްޕަވަރުގެ މި އިންޖީނު ވަގަށް ނަގާފައިވާކަމަށް އެ އިދާރާއަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 140،000 ރުފިޔާގެ އަގުހުރި އިންޖީނު ވަނީ ހޯދާފައެވެ.

Ad
rt

ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. އެތަން ބަލައިފާސްކުރިއިރު، އިންޖީނުގެ ބައެއް ބައިތައްވެސް ފެނިފައިވެއެވެ.

އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގައި އެންމެ 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށެވެ. މިހާރު ވަގަށް ނަގާފައިވާ އިންޖީނު ވަނީ އޭގެ ވެރިފަރާތާ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި، ވަގަށް ނަގައިގެން ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުރެއެވެ. އެހެންކަމުން، މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކުރެއެވެ. އަދި ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަ ފަރާތުގެ ޒިންމާއެއްކަމަށާއި، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.