މިއަދު ވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނިމުތުކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ލަފާކޮށްފައިވާ ގޮތުގައި ޅ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައިވެ އެވެ. މެޓުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

Ad
rt

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން އެކަމަށް ސަމާލުވާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާތީ، ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން ދުރާލައި ފިޔަވަޅު އަޅަން އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން ވެސް އެންޑީއެމްއޭގެ ޕޯސްޓްގައި އިލްތިމާސްކުރި އެވެ.

ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ ކަނޑުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅު ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި އަށާރަ މޭލާ ދެމެދު ބާރުމިނުގައި ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރު އުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގަ އެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.

މޫސުން ލަފާކުރާ ގޮތުގައި މިރޭ އާއި މާދަމާ ވެސް މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. ފާހަގަކުރެވޭ ގޮތުގައި، މެޓުން މިއަދު ވަނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަވެ، ބޯކޮށް ވާރޭ ވެހެމުންނެވެ. އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ، 75.3 މިލިމީޓަރުގެ ވާރޭ ވެހުނު ވ. ރަކީދޫއަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެ އެވެ. އެގޮތުން، އިރުވައި މޫސުން މިދިޔަ ބުދަ ދުވަހު ފެށިފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.