ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4،000 'އަމާން އުދަރެސް' ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ، ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކޮށްދޭގޮތަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ނިންމުމަކީ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ.
މި ބަދަލު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފައިވާއިރު، 4000 ފްލެޓުތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކުރިން ދެ ކޮޓަރީގެ ފްލެޓުތަކުގެ މަހު ކުލި (މެއިންޓެނަންސް ފީއާއެކު) 8،000ރ. އަށް ކަނޑައަޅާފައިވާއިރު، މިހާރު ވަނީ 7,000ރ. އަށް ބަދަލުކޮށްފައެވެ. އަދި ތިން ކޮޓަރީގެ ފްލެޓުތަކުގެ ކުލި 10،500ރ. އިން 10,000ރ. އަށް ވަނީ ކުޑަކޮށްފައެވެ.
ސެކިއުރިޓީ ޑިޕޮސިޓް އަދި ކުލިން އުނިކުރުން
ވުޒާރާއިން ކަނޑައެޅި އާ އަގުތަކުގެ ދަށުން، ދެ ކޮޓަރީގެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6,000ރ. އެވެ. މީގެ ކުރިން ޑިޕޮސިޓްގެ ގޮތުގައި 15،000ރ. ދައްކާފައިވާތީ، އިތުރަށް ދައްކާފައިވާ 9,000ރ. (15,000ރ. އިން 6,000ރ. އުނިކުރުމަށްފަހު) ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ތިން ކޮޓަރީގެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8,500ރ. އެވެ. މި ފްލެޓުތަކަށް ކުރިން 25،000ރ. ޑިޕޮސިޓް ދައްކާފައިވާތީ، އިތުރަށް ދައްކާފައިވާ 16,500ރ. (25,000ރ. އިން 8,500ރ. އުނިކުރުމަށްފަހު) ކުރިއަށް ހުރި ކުލިން އުނިކޮށް (އެޖެސްޓުކޮށް) ދިނުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމަކީ ފްލެޓު ލިބުނު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޔާޔަތްކޮށް، ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދެއް ފުއްދެވުމުގެ ގޮތުން ގެނެސްދިން ބަދަލެކެވެ. އެފްޑީސީން އިމާރާތްކުރި 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އަދި ތިން ކޮޓަރީގެ ފްލެޓުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!