ވަޢުދުވެވަޑައިގެންފައިވާގޮތަށް ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ ފޭސް ދެއެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ. މި ބައްދަލުވުމުގައި ރައްޔިތުން ހިއްސާކުރެއްވި ޚިޔާލާއި މަޝްވަރާ، އަދި ފާޅުކުރެއްވި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، ރައީސް ވަނީ ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވާފައެވެ.

އެގޮތުން، ރައީސް ވިދާޅުވީ މި ޑިސްކައުންޓް ދިނުމަށްޓަކައި އެޗް.ޑީ.ސީ.އަށް ދަންނަވާފައިވާނެ ކަމަށާއި، އެކަމަށްޓަކައި އެގްރީމަންޓަށް ގެންނަންޖެހޭ ބަދަލާއެކު، ދެ ލައްކަ ރުފިޔާ އުނިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާކަމަށެވެ. އަދި ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާއި، ރައްޔިތުން އެދިވަޑައިގަތް ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.