ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ދަރިވަރުން އިސްވެގެން ހިންގި ހަރަކާތްތަކުގެ އިސް ލީޑަރެއް ކަމަށްވާ ޝަރީފް އޮސްމާން ބިން ހާދީ، އޭނާއަށް ދިން ހަމަލާއެއްގައި ޒަޚަމްވެގެން ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑޮކްޓަރުންގެ ބުރަ މަސައްކަތްތަކަށް ނުކުޅެދި، ހާދީ ވަނީ އޭނާގެ ޒަޚަމްތަކަށް ކެތް ނުކުރެވި މަރުވެފައިކަމަށެވެ.

Ad
rt

32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ މުޒާހަރާ ގްރޫޕް ކަމަށްވާ "އިންޤިލާބް މަންޗާ" ގެ އިސް ލީޑަރެކެވެ. ހާދީ ގަޔަށް ބަޑި ޖަހާފައި ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ވެރިރަށް ޑާކާގައި އޭނާ ދަތުރުކުރަމުން ދިޔަ އޮޓޯ-ރިކްޝޯއެއްގައި ހުއްޓައެވެ. ހަމަލާދިން މީހާ އޭނާގެ ބޮލަށް ބަޑި ޖެހީ ސައިކަލެއްގައި ދަތުރުކުރަމުންނެވެ.

ހާދީ އައީ އަންނަ ފެބްރުއަރީ މަހު ބާއްވާ ބަންގްލަދޭޝްގެ ގައުމީ އިންތިޚާބުގައި ޑާކާ-8 ދާއިރާއަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އަދި އޭނާ އަކީ އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރުމުގެ އެންމެ ފުރުސަތު ބޮޑު ފަރާތްތަކަށް އޮތީ ބެލެވިފައެވެ.

ހަމަލާގެ ވަގުތުން ފެށިގެން ހާދީ ވަނީ ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ސިކުނޑީގެ މައި ނާރުތަކަށް ގެއްލުންވެފައިވާތީ އިތުރު ފަރުވާއަށްޓަކައި ޑިސެމްބަރު 15 ގައި ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގެ ނިއުރޯސާޖިކަލް އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލުކޮށްފަ އެވެ. ނަމަވެސް، އެތަނުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

ހާދީ އަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ގާތް އެކުވެރިއެއް ކަމަށްވާ އިންޑިއާގެ ނުފޫޒަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ.

''އިންޑިއާގެ ބާރުގަދަ ކަމާ ދެކޮޅަށް ކުރި މަސައްކަތުގައި، މާތް ﷲ ވަނީ މަތިވެރި އިންޤިލާބީ އޮސްމާން ހާދީ ޝަހީދެއްގެ ގޮތުގައި ގަބޫލުކުރައްވާފަ އެވެ." އޭނާ މަރުވިކަން އިއުލާނު ކުރަމުން "އިންޤިލާބް މަންޗާ" އިން ފޭސްބުކްގައި ބުނެފައިވެއެވެ.

މި ހަމަލާގެ ތަހުގީގުތައް ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ. ފުލުހުން ވަނީ މިކަމާ ގުޅުންހުރި ދެ މީހެއްގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރުކުރުމަށް އެހީތެރިވެދޭ މައުލޫމާތެއް ދީފިނަމަ ފަސް މިލިއަން ޓާކާ (ގާތްގަނޑަކަށް 42،000 ޑޮލަރު) ގެ ބޮޑު އިނާމެއް ދިނުމަށް ހުށަހަޅާފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން މިހާތަނަށް ގައުމުގެ ފުލުހުންނާއި ބޯޑަރު ބަލަހައްޓާ ފަރާތްތަކުން މަދުވެގެން 20 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ، މުހައްމަދު ޔޫނުސް ވެސް ވަނީ ހާދީގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ. އޭނާ މަރުވުމަކީ، ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވަމުން ޔޫނުސް ވިދާޅުވީ، ބިރާއި، ނުރައްކަލާއި، ލޭއޮހޮރުވުމުގެ ތެރެއިން ގައުމު ޑިމޮކްރަސީއަށް ކުރާ ދަތުރު ހުއްޓުވައެއް ނުލެވޭނެކަމަށެވެ.

ސަރުކާރުން ވަނީ ހޮނިހިރު ދުވަހު ބައި ދުވަހުގެ ގައުމީ ހިތާމަ ފާޅުކުރުމަށް ނިންމާފައެވެ. އަދި ހުކުރު ނަމާދަށް ފަހު މިސްކިތްތަކުގައި ޚާއްސަ ދުއާ ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.