ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗު ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް އޮންނަ ރަށަށް ނިސްބަތްވާ ޓްރޭނާސްގެ އިތުރުން އަޅޭ އެފްސީއެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލީޑުނެގީ ޓްރޭނާސް އިންނެވެ. އެއީ ފުރަތަމަ ހާފު ކުރީކޮޅު އެޓީމުގެ ހުސައިން މައިސަން ޖަހައިދިން ހިތްގައިމު ގޯލަކުންނެވެ.
ނަމަވެސް އަޅޭ އެފްސީން ވަނީ މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނިޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަޅޭ އެފްސީ އަށް މި ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 99 އިރުފާން މުހައްމަދެވެ.
މެޗު ނިމެންދަނިކޮށް ޓްރޭނާސް އިން ވަނީ އިތުރު ދެ ލަނޑުޖަހައި ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އެތަނުން ފުރަތަމަ ލަނޑު ޖާޒީ ނަންބަރު 10 ޔާމީން މުހައްމަދު ޖަހައިދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 22 ޔޫސުފް ސާއިފް އެވެ.
މި މެޗުގެ މޭން އޮފްދަ މެޗުގެ މަގާމު ހޯދީ ޓްރޭނާސްގެ ޖާޒީ ނަންބަރު 10 ޔާމީން މުހައްމަދެވެ. މި އިނާމް ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާން ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު މުޙައްމަދެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލްގައި ކުޅޭނެ ދެ ޓީމު ވެސް ވަނީ މިހާރު ކަށަވަރު ވެފައެވެ. އެއީ ކުމުންދޫ ސްޕޯޓްސް ކްލަބް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.
ފައިނަލްތައް އޮންނާނީ 11 ޑިސެމްބަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!