ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސްގެ ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ މި މަސައްކަތްޕުޅުގެ ތެރެއިން ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ 7 ޑިސެމްބަރު 2025 ވާ އާދީއްތަ ދުވަހުގެ ރޭ 20:30ގައެވެ.

Ad
rt

ކަލާފާނުގައި އޮންނަ މި ބައްދަލުވުމަށް ސަރުކާރުން ވަނީ ހެންވޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.

މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާގެ ހަތަރު ވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު 23 ނޮވެމްބަރު 2025 ގައި ރައީސް ބާއްވަވާފައިވާއިރު، ދެވަނަ ބައްދަލުވުން 25 ނޮވެމްބަރުގައި ވަނީ މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ. އަދި ތިންވަނަ ބައްދަލުވުން 4 ޑިސެމްބަރު ގައި މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެކު ވަނީ ބާއްވާފައެވެ.

ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެފަދަ ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން އަންނަ ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި އާންމުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ އިން ކޮންމެ ޝަކުވާއެއް ލިޔުމަކަށް ބަދަލުކޮށް، ރައީސް އޮފީހުން ބަލާނެ ކަމަށެވެ. އަދި އެފަދަކަންކަމަށް ސީދާ އެޓެންޑް ކުރަށްވާނީ އެމަނިކުފާނުކަމަށާއި، ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއްނަމަ ބައްލަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރަށްވަން ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.