މޫސުން ގޯސްވުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ އެކި ޤައުމުތަކަށް ކުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ޤައުމުތަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވަނީ މި ކާރިސާތަކަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި، ތައިލެންޑް، އިންޑޮނޭޝިޔާ އަދި ވިއެޓްނާމްގައި މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލާއި ތަކެއްޗަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާމެދު އެމަނިކުފާނު ވަނީ ހިތާމަފާޅުކުރައްވާފައެވެ. މި ހާދިސާތަކުގެ ސަބަބުން އެ ޤައުމުތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އެ ޤައުމުތަކާއެކު ތިބިކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސް ވަނީ، މޫސުމީ މި ކާރިސާއަކީ، މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއްކަމަށާއި، މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވަމުންދާ ގެއްލުންތަކާމެދު ހިތާމަފާޅުކުރަށްވާކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، ހޮންގ ކޮންގ ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެންވެސް ރައީސް މުޢިއްޒު ވަނީ ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެމަނިކުފާނު މި ތަޢުޒިޔާ ފޮނުއްވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޗައިނާގެ ސަރުކާރަށާއި، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވި ޓީމުތަކުން ދެއްކި ހިތްވަރަށް ރައީސް މުޢިއްޒު ވަނީ ތަޢުރީފް ކުރައްވާފައެވެ. އަދި އެ ހާދިސާގައި ގެއްލުން ލިބުނު މީހުންނާ އެކުގައި ދިވެހީން ތިބިކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ އަރުވާފައެވެ.