މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފިއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާއިން ފެށިގެން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ހުޅުމާލޭ ފޭސް 3 މަސައްކަތް އަވަސްކުރުން
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެން މިއަދު މާލެ އައިސްފައިވާ ކަމަށެވެ. މި ޑްރެޖަރގެ އިތުރުން، މިހާރު ފޭސް 3 ގައި މޮބިލައިޒްކޮށްފައިވާ ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރުވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް އަވަސްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް ނިމުމާއެކު ދެ ޑްރެޖަރުވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް، ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިމޭނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ.
ގިރާވަރު މަޝްރޫޢުގެ ތައްޔާރީތައް
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތާއި، އެ އާއި ގުޅުންހުރި އެހެނިހެން ކަންކަން ފުރިހަމަކުރެވުމުން ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މިކަންކަން ނިމުމުން، ހުޅުމާލޭ މަސައްކަތް ނިމުމާއެކު ގިރާވަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.
މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ހާމަކުރައްވާފައެވެ. މިގޮތުން އިތުރު ޑްރެޖަރތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!