ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި، އުމުރުން 42 އަހަރުގެ މި މީހާ ހައްޔަރުކުރީ އޭނާގެ ޔޫރިން ޓީއެޗްސީއަށް ޕޮޒިޓިވް ވެފައިވާތީއާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އޭނާގެ އަތުން ފެނިފައިވާތީއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހާ ހައްޔަރުކުރީ އޭނާ ވައްޓާލި އެއްޗެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގެ ހެކިތަކެއް ފުލުހުންނަށް ލިބިފައިވާތީ، ކޯޓުން ވަނީ ތުހުމަތުކުރެވޭ މީހާ އިތުރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޭނާއަކީ އެންޑީއޭގެ ވަޒީފާގައި ހުރި ކުޑަކުދިންތަކެއްގެ ބައްޕައެއްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
އެންޑީއޭގެ މުވައްޒަފަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މިއީ ފަހަކަށް އައިސް މި އެޖެންސީއާ ގުޅިގެން ދިމާވި ދެވަނަ ސީރިއަސް މައްސަލައެވެ. މިދިޔަ ހަފްތާގައި ވެސް ފަރުވާ ހޯދަންދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެންޑީއޭގެ އެހެން މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ މަސްއޫލިއްޔަތު އުފުލާ މުއައްސަސާއެއްގެ މުވައްޒަފުން މިފަދަ ކުށްތަކުގައި ހިމެނުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!