ށ. މާއުނގޫދޫ ކައުންސިލާއި ރިއަލްޓީ ކޮންސަލްޓެންސީ މޯލްޑިވްސް ގުޅިގެން، ރަށުގެ މުޖުތަމަޢުގެ އެކި ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތާއި ފަންނުވެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ވިޔަފާރިތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކާއި، ދަރިވަރުންނަށް ކެރިއަރ ގައިޑަންސާއި، ބެލެނިވެރިންނަށް މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިމެނެއެވެ.
ވިޔަފާރިތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއް ހަރަކާތަކީ 'ބިޒްނަސް ޕްރޮޕޯސަލް އަދި ފައިނޭޝަލް ފޯކާސްޓް' އާ ބެހޭ ތަމްރީން ޕްރޮގްރާމެވެ.
މި ޕްރޮގްރާމްގެ ފެސިލިޓޭޓަރުންނަށް މާއުނގޫދޫ ކައުންސިލުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ވިޔަފާރިތަކުގެ ކުރިއެރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ދިނުމަށްފަހު، މި ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިއީ ރަށުގެ ވިޔަފާރިތަކަށް އިންވެސްޓްމަންޓް ހޯދުމާއި، މާލީ ރޭވުންތައް ރާވަން އެހީތެރިވެދޭނެ މުހިންމު ތަމްރީނެކެވެ.
ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކަން
މީގެ އިތުރުން، މާއުނގޫދޫ ސްކޫލްގެ ގްރޭޑް 8 އިން މަތީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކެރިއަރ ގައިޑަންސް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގެ މަޤްސަދަކީ ދަރިވަރުންގެ މުސްތަޤްބަލުގެ މަސައްކަތުގެ ދާއިރާ ހޮވުމުގައި އެހީތެރިވެދިނުމާއި، ތަޢުލީމީ ގޮތުން ކުރިއަށް ދާނެ މަގުތައް ދައްކުވައިދިނުމެވެ.
އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން “މާލީ ހޭލުންތެރިކަން އިތުރުކުން” ސެޝަނެއް ވެސް ވަނީ ހިންގާފައެވެ. މި ސެޝަންތަކުގެ ސަބަބުން ރަށުގެ ތަޢުލީމީ އަދި އިޤްތިޞާދީ ހޭލުންތެރިކަން އިތުރުވުމަށް ބޮޑު އެހީއަކަށް ވެގެން ގޮސްފައިވެއެވެ.
މާއުނގޫދޫ ކައުންސިލާއި ރިއަލްޓީ ކޮންސަލްޓެންސީ މޯލްޑިވްސްގެ މި ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތްތަކަކީ ރަށުގެ ތަރައްޤީއަށްޓަކައި މުހިންމު ބިންގަލެއްކަމަށް ބެލެވެއެވެ. މިފަދަ ކޮލެބޮރޭޝަންތަކުގެ ސަބަބުން ރަށުގެ ވިޔަފާރިތަކާއި، ޒުވާނުންނާއި، ބެލެނިވެރިންނަށް ފައިދާކުރާނެ މައުލޫމާތާއި ފަންނުވެރިކަން ލިބިގެންދިއުމަކީ މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!