ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.
މި ހާއްސަ ފަރިއްކޮޅު ބާއްވާފައިވަނީ އަންގާރަ ދުވަހު މެންދުރު ހޮޓެލް ޖެންގެ ބޯލްރޫމުގައެވެ.
މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވިއެވެ.
ފަލަސްތީނުގެ ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ، އޭ.އެފް.ސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.
މި ދަތުރުގެ ތެރެއިން ފަލަސްޠީނުގެ ޓީމު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަޙުމަތްތެރި ކަމުގެ ދެ މެޗު ކުޅެފައެވެ.
ފަލަސްޠީނުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ވަނީ، މި މެޗުތަކުގެ ސުވެނިއަރ ޓިކެޓު ބައްލަވައިގެންފައެވެ.
މީގެ އިތުރުން، މި މެޗުތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަޞްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށެވެ. މިއީ ފަލަސްޠީނުގެ ކުޅިވަރަށް ދިވެހި ސަރުކާރުން ދެއްވި އެހީތެރިކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!