އދ. މަންދޫ ޒުވާނުންގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު އެރަށަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މި ދަތުރުފުޅުގައި ވަނީ މަންދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. މަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ވަޒީރުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަންދޫގެ ފުޓްސަލް ދަނޑަކީ އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުން ވަނީ މި ނޮވެންބަރު މަހުގެ ނިޔަލަށް ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެ އެދުމަށް އިޖާބަދެއްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކުރައްވައިގެން، ލައިޓް ޖަހައި ފުރިހަމަކުރައްވައި މި ދަނޑުގެ މަސައްކަތް ނިންމާފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައެވެ.
ރައީސް މަންދުއަށް މިއަދު ކުރެއްވި ދަތުރުފުޅަކީ މި ދަނޑު ހުޅުވައިދެއްވުމަށް ރަށުގެ ޒުވާނުން ދެއްވި ދައުވަތަށް އިޖާބަދެއްވައި ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ފެންވަރު ރަނގަޅު ޓަރފަކާއެކު ސަރުކާރުން މަންދޫގައި ތަރައްޤީކުރެއްވި މި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު، ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ.
ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!