މި ސަރުކާރުގެ މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ފެނިފައިނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން) މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިގޮތުގައި، ޤައުމީ ދިފާޢީ ނިޒާމު ހަރުދަނާކުރައްވަނީ، ރައްކާތެރިކަން އިތުރުކުރެއްވުމަށް ކަމަށެވެ. އަދި ދާޚިލީ ހަމަޖެހުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން ރައީސް ވިދާޅުވިއެވެ.

މިގޮތުން، އަމިއްލަ މަސްލަޙަތައް ވުރެ ޤައުމު އިސްކުރެއްވުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި، ޙަޤީޤީ މާނައިގައި ޤައުމަށް ހަމަޖެހުން އަންނާނީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނުބައި، ވިހަ އޮއިވަރު ނައްތާލުމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ފެނިފައެއްނުވާނެއެވެ. އަދި ދީނީ ހުދޫދުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ރާއްޖޭގައި ފުޅާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށްޓަކައި، ހިންގުމުގެ ނިޒާމުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް ފައްޓަވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޕީއެންސީން ރޭގައި ބޭއްވި ޖަލްސާގައި ވަނީ ވަރަށް ގިނަ އަދަދަކަށް މީހުން ބައިވެރިވެފައެވެ. އެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު 13،000 އަށް އަރާކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.