ނުރައްކާތެރި އެބޯލާ ވައިރަހާ ގުޅިފައިވާ "މާބާގް ވައިރަސް" ޖެހިފައިވާ ނުވަ މީހަކު އިތިއޯޕިއާގެ ދެކުނުގެ ސަރަހައްދަކުން ފެނި، އެ ޤައުމުގައި މި ބަލި ފެތުރިފައިވާކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްފިއެވެ.
"މާބާގް ވައިރަސް" އެގައުމުގައި ފެތުރެމުންދާކަން ކަށަވަރުކުރެނުވީ އިތިއޯޕިއާގެ ސިއްހީ އިދާރާތަކުން ވައިރަލް ހެމޮރޭޖިކް ހުމުގެ ޝައްކުކުރެވޭ ކޭސްތަކެއް ތަހުގީގުކުރަމުން ދަނިކޮށެވެ.
މި ބަލި ފެތުރިފައިވަނީ ދެކުނު ސޫދާނާ ގުޅިފައިވާ އިތިއޯޕިއާގެ ދެކުނުގެ އޯމޯ ސަރަހައްދުގައެވެ. އެފްރިކާ ސީޑީސީގެ ޑިރެކްޓަރ ޖެނެރަލް ޖީން ކަސޭޔާ ވިދާޅުވީ ދެކުނު ސޫދާނުގެ ސިއްހީ ނިޒާމު ބަލިކަށިވުމުން މިކަމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވަނީ މިކަން އިޢުލާން ކުރައްވާފައެވެ. އެގޮތުން، މި ބަލިމަޑުކަމަށް އިތިއޯޕިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ސިއްރުނުކޮށް ހާމަކަމާއެކު އިޢުލާންކޮށް އެކަމާއި ގުޅިގެން އެޅުއްވި ފިޔަވަޅުތައް ފާހަގަކުރައްވައި ތައުރީފުކުރައްވާފައެވެ. ޓެޑްރޯސް ވިދާޅުވީ، އެގައުމުން އެޅި އަވަސް ފިޔަވަޅުތަކުން ދައްކުވައިދެނީ ބަލިމަޑުކަން އަވަހަށް ކޮންޓްރޯލް ކުރުމަށް އެ ޤައުމުން ބޭނުންވާކަމާއި އެކަމަށް އޮތް އަޒުމުކަމަށެވެ. ޑަބްލިޔު.އެޗް.އޯ. އިން ދަނީ ބަލި ކޮންޓްރޯލް ކުރުމަށާއި ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ފެތުރިދާނެކަމަށްޓަކައި މަސައްކަތްކުރަމުންނެވެ.
އިތިއޯޕިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ބަލި ޖެހުނު މީހުން ވަކިކޮށް ފަރުވާ ދެމުންދާކަމަށާއި، ޝައްކުކުރެވޭ ކޭސްތަކާ ބައްދަލުވި މީހުން ހޯދުމުގެ (ކޮންޓެކްޓް ޓްރޭސިން) މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބަލިމަޑުކަމާ ގުޅިގެން މުޖުތަމަޢުތަކުގައި ސްކްރީނިންގތައް ހިންގުމުގެ އިތުރުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ވުޒާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކުރީ ބިރު ނުގަތުމަށާއި، ސިއްހީ އިރުޝާދުތަކަށް ތަބާވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.
މާބާގް ވައިރަހަކީ އެބޯލާ ވައިރަސް އާއި އެއް އާއިލާއެއްގެ ވައިރަހެކެވެ. އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާގޮތުގައި މިއީ ނުރައްކާތެރި އަދި މަރުވާ މިންވަރު މަތި ހެމޮރޭޖިކް ހުމެކެވެ. ކޮވިޑް-19 ފަދައިން މާބާގް ވައިރަހަކީ ވެސް ޖަނަވާރުންގެ ގައިން އިންސާނުންގެ ހަށިގަނޑަށް އެތެރެވި އެއްޗެކެވެ. މިއީ ވާލުގެ ހަށިގަނޑުގައި އުޅޭ ވައިރަހަކަށް ވާއިރު، ބަލި ޖެހޭ މީހުންގެ 88 ޕަސެންޓު މަރުވެ އެވެ.
މާބާގް ވައިރަސް އާއްމު ގޮތެއްގައި ޖެހެނީ ވާލުގެ ބާވަތެއް ކަމަށްވާ ރޮސެޓަސް، ދިރިއުޅޭ ހޮހޮޅަތަކާއި މައިނުތަކަށް އެކްސްޕޯޒްވުމުންނެވެ. މި ވައިރަސް އިންސާނެއްގެ ހަށިގަނޑަށް ވަދެއްޖެ ނަމަ، އެހެން މީހުންނަށް ފެތުރެނީ ހަށިގަނޑުގައި ފްލުއިޑުންނެވެ. ނުވަތަ ބަލި ޖެހިފައިވާ މީހަކު އަތްލާ ތަންތަނުން ވެސް ވައިރަސް އެހެން މީހެއްގެ ގަޔަށް އެތެރެވެދާނެ އެވެ. ސީދާ ކޮންޓެކްޓްވެގެން ނުވަތަ ބަލި ޖެހިފައިވާ މީހަކު ނިދާ އެނދު ނުވަތަ ފޭރާން ފަދަ ބަލި ޖެހިފައިވާ މީހުންގެ ލޭއަދި އެހެނިހެން ޖިސްމާނީ ފްލުއިޑްތަކުގެ ޒަރިއްޔާއިން މީހުންގެ މެދުގައި ވައިރަސް ފެތުރިދާނެއެވެ.
މީގެ ކުރިން މާބާގް ވައިރަސް ފެނިފައި ވަނީ ދެކުނު އެފްރިކާ، އެންގޯލާ، ކެންޔާ، ޔުގެންޑާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޓެންޒޭނިއާ ފަދަ ގައުމުތަކުންނެވެ. ނަމަވެސް މިއީ ހުޅަނގު އެފްރިކާގެ ގައުމަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.
މި ބައްޔާ ދެކޮޅަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ހަށިގަނޑުގެ ހައިޑްރޭޝަން އިތުރުކޮށް، އަލާމާތްތަކަށް ހާއްސަ ފަރުވާ ދީގެން ހާލު ރަނގަޅުވެ، ދިރިހުރުމުގެ ފުރުސަތު އޮވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!