ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި އެއް ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އިޔާދަކޮށްދެއްވައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު 27 އޮކްޓޯބަރުގައި މަޖިލީހުން ފާސްކުރިއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހު ކުރުމަށް ފުލުހުންނަށާއި ކަސްޓަމްސްއަށް އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.

Ad
rt

މިގޮތަށް އަންގާފައި ވަނިކޮށް 29 އޮކްޓޯބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި އެ ތަނުން ނެރެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައިވާ މައުލޫމާތުތަކާއި ލަފާތަކަށް ރިއާޔަތްކޮށް ކަސްޓަމްސް ދެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކުރަށްވާފައިވާކަމަށް ރައީސް އެދުވަހު ވަނީ ވިދާޅުވެފައެވެ. އަދި ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ކަންތައް ގާނޫނުގެ ތެރެއިން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އަންގާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ކަސްޓަމްސްގައި ތިއްބެވި ތިން ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން ރައީސް އެދުވަހު ވަކިކުރެއްވީ އަބްދުﷲ ވަހީދު މ. ރީޒަން އާއި މަހަމޫދު ރިޔާޒު މއ. ޑައިންޓީ އެވެ.

މަޖިލީހުގެ 241 ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި އެ ކޮމިޓީން ދިރާސާކުރި މައްސަލަތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ބެލެވެން ނެތްކަމަށް ވަނީ ބުނެފައެވެ. އަދި އޭނާގެ ވަޒީފާ އިޢާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާ އެރުވުމަށް ބުރާސްފަތިދުވަހު ބޭއްވެވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށްވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބަޔާނުގައިވެއެވެ.

ކޮމެޓީގެ މި ނިންމުމަށްފަހު، ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަޙްޤީޤަކާ ގުޅިގެން މަޤާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވާފައިވާ ކަމަށެވެ.