ހއ. އިހަވަންދޫ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ފޯރުކޮށްދިން އައިސް އުފުލާ ޕިކަޕް ބޭނުން ކުރަން ފަށައިފިއެވެ.
މި ޕިކަޕް މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމަބަރ މަހު ވަނީ އިހަވަންދޫ ކައުންސިލާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އިހަވަންދޫ މަސްވެރިންނަށް ކައުންސިލުން މިވެދިން އެހީއާއި ގުޅިގެން ކައުންސިލުގެ ރައީސް ޞަބާހު "ތިލަދުން" އަށް ވިދާޅުވީ މި މަސައްކަތުގެ މަޤުސަދަކީ ރައްޔިތުންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ދަމާގާޑިޔަލުގައި އައިސް އުފުލަން ނުޖެހޭނެކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މި ޕިކަޕް ބޭނުން ކުރަން ފެށުމާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ހަރަކާތްތަކާއި އުތުރުގެ މަސްވެރިކަމުގެ ކަންކަން ހިއްސާކުރަމުން އަންނަ ''މަސްވެރި އިހަވަންދޫ'' ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ދަމާ ގާޑިޔާ ދޫކޮށް އިހަވަންދޫ މިފްކޯ އައިސް ޕްލާންޓްން މަސްވެރިންނަށް އައިސް އުފުލުމަށް ޕިކަޕް ބޭނުން ކުރަން ފެށުމުން މަސްވެރިން ނަށް އިތުރު ހިތްހަމަ ޖެހުމާއި ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ.
ރާއްޖޭގެ އުތުރުގެ މަސްވެރިކަމުގެ ސިނާއަތުގައި އިހަވަންދޫ އަކީ ފާހަގަކޮށްލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!