ރާއްޖޭގެ އެއް ރަށާއި އަނެއް ރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫންކަމަށާއި، މަސައްކަތްޕުޅުކުރަށްވަމުން ގެންދަވަނީ އެފަދަ ތަފާތުކުރުންތައް ނައްތާލައި އިންސާފުގާއިމުކޮށްދެއްވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރޭ ގަމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަމަކީ ރާއްޖޭގެ ރަށްތަކުގެ ގޮތުން ބަލާއިރުގައިވެސް، އަދި އާބާދީގެ ގޮތުން ބަލާއިރުގައިވެސް، މީހުން ގިނަ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. އެހެންނަމަވެސް، އާބާދީއާއި، ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަ ޒަމާންތަކެއް ވަންދެން ދެކެވުނުއިރުވެސް، ގަމުގެ ރައްޔިތުންނަށް އެކަށީގެންވާވަރެއްގެ ތަރައްޤީއެއް ލިބިފައި ނުވާކަން އެއީ ޙަޤީޤަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ޒިންމާއަކީ، ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއި، ޢަދުލުވެރިކަމާއެކީގައި، ގަމުގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން ކަމުގައެވެ. އަދި އެކަން ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަތެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ރާއްޖޭގައި، ކޮންމެވެސް ސަބަބަކާހުރެ، ޒަމާންތަކެއް ވަންދެން އައިސްފައި އޮތް އާދައެއްގެ ގޮތުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި، ބައެއް ސަރަޙައްދުތަކުގައި، އެއް ރަށާއި އަނެއް ރަށާ ދެމެދު ތަފާތުކުރުންތައް އޮންނަކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ވިދާޅުވިއެވެ.
''މި ރާއްޖޭގައި، ކޮންމެވެސް ސަބަބަކާހުރެ، ޒަމާންތަކެއް ވަންދެން އައިސްފައި އޮތް އާދައެއް، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި، ބައެއް ސަރަޙައްދުތަކުގައި، ތަފާތުކުރުން، އެއް ރަށާއި، އަނެއް ރަށާ. އެއީ، އަޅުގަނޑު ޤަބޫލުކުރާ ހަމައެއް ނޫން'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެމަނިކުފާނު ވައުދުވެގެން އައީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް ކަމުގައެވެ. އެއްވެސް ޤައުމެއްގައި ތަފާތުކުރުންތައް ނައްތާނުލައި އަދި ޢަދުލުވެރިކަން ޤާއިމުނުކުރެވި ހަމަޖެހުމެއް ޤާއިމެއްނުވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، އެކި އަތޮޅުތަކުގައި، އެކި ހިސާބުގައި، މިގޮތަށް އެތައް ޒަމާންތަކެއްގެ ތެރެއިން ތަފާތުކުރަމުން އައި، ބޭއިންސާފުން ކަންތައްތައް ވަމުން އައި އައުން ނިމުމަކަށް ގެނައުން އެއީ އެމަނިކުފާނު މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި، މިއީ ފެންނަމުންދާ ޙަޤީޤަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި، އެކި ސަރަޙައްދުތަކުގައި، އެ ރަށްރަށުގެ ރައްޔިތުންނަށް މިކަން ޤަބޫލުކުރެއްވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޢަދުލުވެރިކަން ޤާއިމުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ޑރ. މުޢިއްޒު ދެކެވަޑައިގަންނަވައެވެ.
މިކަމާގުޅިގެން ގަމުގެ ރައްޔިތުންނަށް ބޭނުންވާ، ލިބެންޖެހޭ ތަރައްޤީ، އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށާއި، މިކަން އިރާދަކުރެއްވިއްޔާ ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ލ.އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!