އެއްފަހަރާ އެންމެ ގިނަ މީހުން ފެތުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑު ފޮތުން ދިވެހިރާއްޖެއިން ޖާގަ ހޯދައިފިއެވެ.
މި އުފާވެރި ކާމިޔާބީ ރާއްޖެއިން ހާސިލްކުރީ ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ފީނުމުގެ ހަރަކާތުގައެވެ.
ބ.ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ތާރީޚީ ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެ، އެކި ސަރަހައްދުތަކަށް ފީނައި، ދުނިޔޭގެ އައު ރެކޯޑެއް ގާއިމުކޮށްފައިވެއެވެ.
މި ހަރަކާތަށް ފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގިނިސް ވޯލްޑް ރެކޯޑުގެ މަންދޫބު ވަނީ ރެކޯޑު ގާއިމުކުރުމުގެ ހަނދާނީ ފިލާ ރާއްޖެ އާއި ހަވާލުކޮށްދެއްވާފައެވެ.
ގިނިސް ވޯލްޑް ރެކޯޑުގެ މަންދޫބު ރެކޯޑު ގާއިމުކުރުމުގެ ހަނދާނީ ފިލާ ރާއްޖެ އަށް ދެނީ، ފޮޓޯ: ބާނި އެފްބީ ޕޭޖު
މި ރެކޯޑަކީ ދުނިޔޭގެ ރެކޯޑު ފޮތުގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ ރެކޯޑެކެވެ.
13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާއެކު ބ.އަތޮޅުގައި ކުރިއަށް ގެންދިޔަ "ބާނި" އިވެންޓުގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބައެއް ބައިވެރިވެފައިވެއެވެ.
ވިޒިޓް މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ގޮތުގައި މި ހަރަކާތަކީ ތިމާވެއްޓަށް ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިވުމާއެކު މަސައްކަތްކުރެވިދާނެކަމުގެ ރީތި ނަމޫނާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!