މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.

Ad
rt

ޑރ.ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަނޭ، އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުރުން ޑރ.ބިލާލް ގެނައުމާ ދެކޮޅަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފައެވެ.

ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމަށްޓަކައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ނިމުމުން އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ އެ ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ. މިނިސްޓަރު މަހުލޫފް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުޅުންތައް ޑރ.ބިލާލް ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ދެކޮޅު ހައްދަވަމުންދާއިރު، މިކަމާ ގުޅޭގޮތުން މިނިސްޓަރު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކެނެޑާ އަށް އުފަން ބިލާލް، މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދެއްވާފައި ވިޔަސް އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ނިންމައި ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.

ޑރ.ބިލާލް މީގެކުރިން ވެސް ވަނީ ރާއްޖެ ވަޑައިގެން ދަރުސްތަކެއް ދެއްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައެވެ.