ހދ. ކުޅުދުއްފުށި ސިޓީ ގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ފެނަކައިން އިޢުލާން ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔާ އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހދ. ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

Ad
rt

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ މިމަހުގެ 19 އިން 23 ފެބްރުއަރީ 2020، 09:00 އިން 14:00 އަށެވެ. މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު (އީމެއިލްގެ ޒަރިއްޔާއިން) ތާރީޚް 25 ފެބްރުއަރީ 2020، 14:00 މެންދުރު އަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ފެބްރުއަރީ 2020، 13:00 މެންދުރު ކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެކަމުގައި ބުނެފައިވެއެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި އެ އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވާކަމަށް އެކޯޕަރޭޝަން އިންބުނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ tender@fenaka.com.mv އެދެއެވެ.

ހދ. ކުޅުދުއްފުށި ސިޓީ ގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ.

ފެނަކައާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު 190 ދުވަސްތެރޭގައި ނިންމުމަށް 23 މިލިއަން ރުފިޔާއަށެވެ.

ފެނަކާއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، ކަރަންޓް އަދި ސީލިންގ މަރާމާތުކުރުމާއި ފަންކާ ބަދަލުކުރުން ހިމެނެ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެނިކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އެ ރޯހައުސްތަކުގެ ތަޅުދަނޑިތައް ވަނީ ހައްގުވެރިންނަށް ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް އިމާރާތް ހަލާކުވެފައި ހުރުމުން އެމީހުންނަށް އެތަނަށް ވަދެވޭނެ ގޮތް ވަނީ ނުވެފަ އެވެ.

ކުޅުދުއްފުށީ، މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގެ އެޅި ރޯހައުސްތަކެކެވެ. ނަމަވެސް ރޯހައުސްތައް އެހެން ހުރެ އެތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތަށް ބޭނުންވެފަ އެވެ.