ތިނަދޫ ސިޓީގައި ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، އިއްޔެ އިރުއޮއްސި 18:16 އެހާކަށްހާއިރު ތިނަދޫ ސިޓީ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެ ވަގުތު މަގު ހުރަސްކުރި ކުޑަ ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމުގެ ރިޕޯޓެއް ކޮށްފައިވާކަމަށެވެ.

Ad
rt

އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި 6 އަހަރުގެ ފިރިހެން ކުއްޖާ އަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނެފައިވަނީ، މި އެކްސިޑެންޓުގައި ހިމެނުނު ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހަކީ، އެ ކެޓަގަރީގެ އެއްގަމު އުޅަނދު ލައިސަންސް ނޯންނަ މީހެއް ކަމަށާއި، އެކްސިޑެންޓު ވުމުން އެ މީހާ ވަނީ މަޑު ނުކޮށް ގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން އެ ފިރިހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެކްސިޑެންޓް ވި ސައިކަލު ވެސް ޓޯވ ކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.