ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެވުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ފުރިހަމަ ތަރައްޤީ ޙާޞިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންނެވެ. އަދި ޤައުމާއި އިސްލާމްދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި ޒުވާނުން ބިނާކުރުމަކީ ބޮޑެތި ޢުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަން އަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިގޮތުން ފެށުނު ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ޕްރޮގްރާމެކެވެ.
ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީގެ އިތުރުން ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނެއެވެ. އަދި މީގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްގެ ތަމްރީނުތައްވެސް ދެވޭނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރު އަދި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!