އޮޑިދޯނިފަހަރުގައި އާރް.އެސް.ޑަބްލިއު ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރަށް މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ހިރިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ލޮނުފެނުގައި މަސްފިނިކުރާ ނިޒާމު (ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމް/އާރު.އެސް.ޑަބްލިޔު ސިސްޓަމް) ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން ފާހަގަކުރައްވާފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާކަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެއްވުމުގެ މަސައްކަތް، ޖަނަވަރީމަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިން ބާނާމަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާ މަހުގެ ކޮލިޓީއަށެވެ. އެހެންކަމުން މަހުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާމަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ޤާއިމުކުރުމަށް މަސްވެރި ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުގެ މަތީން މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނޭ ކޯލްޑް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މަސްވެރި ސިނާއަތުގައި އިޤްތިޞާދީ ނަފާ އިތުރުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެކެވެ.
އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.
މީގެއިތުރުން ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!