މ. ކޮޅުފުއްޓަށް ރިއަށް އޮތީ ތަރައްޤީގެ އިތުރު ފުރުޞަތުތައް ލިބޭނެ ދުވަސްތަކެއްކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މުލަކު އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިގޮތުން ރައީސް ވަނީ ހައުސިންގ، ކަރަންޓް، ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ނިމިފައިވާ ހައުސިންގް ޔުނިޓްތަކަށް ބޭނުންވާ ޚިދުމަތްތައް މިއަހަރު ނިންމަވާނެއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި 100 އިތުރު ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމަނުއްވާނެކަމަށާއި، އަމިއްލަ ގޯތީގައި ހައުސިންގް އަޅަން ބޭނުންވާ ފަރާތްތަކަށްވެސް މި ފުރުސަތު ލިބޭނެކަމަށް ވިދާޅުވިއެވެ.

"މިހާރު ހައުސިންގް ޔުނިޓްތަކުގެ ކުލި ވަނީ ކުޑަކުރެވިފައި" ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހެލްތު ރޫމާއި ލައިބްރަރީ ހިމެނޭ އިމާރާތެއްގެ މަސައްކަތް ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، 2026 ވަނަ އަހަރުގެ ބަޖެޓުގައި ފުޓުބޯޅަދަނޑާއި ހޭންޑްބޯލް ކޯޓެއްގެ މަސައްކަތް ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ޚިދުމަތް 2026 ވަނަ އަހަރުގެ ކުރީކޮޅު މުލަކަތޮޅުގައި ފަށާނެކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން އެކަށީގެންވާ ފައިދާއެއް ނުލިބުމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކުޅިވަރު ދަނޑުތައް ނެތުމާއި، ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ގޮންޖެހުންތަކާއި، ޞިއްޙީ ޚިދުމަތް ހޯދުމުގައި ހުރި ދަތިކަން ފާހަގަކޮށްފައެވެ. މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.