ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ފޭސް ދޭއްގައި ހިންގަމުންދާ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކުގެ ޚިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރަށް ފުޅާކޮށްފިއެވެ.
ހިޔާ 16 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވުނު މި ކްލިނިކުން މިހާތަނަށް ޚިދުމަތް ދެމުން ގެންދިޔައީ 16 ގަޑިއިރަށެވެ. ނަމަވެސް މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ދަންވަރުގެ ވަގުތުތަކުގައިވެސް ޚިދުމަތް ލިބޭނެއެވެ.
މި ކްލިނިކުން އާންމުކޮށް ތިން ޑޮކްޓަރުން ބަލިމީހުން ބަލަމުން ގެންދާއިރު، ލެބޯޓަރީގެ ޚިދުމަތްތަކާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުމާއި، ނެބިއުލައިޒް ކުރުމާއި، އީސީޖީ ހެދުމުގެ ޚިދުމަތްތައް ލިބެއެވެ. އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިން ޖެހުމުގެ ޚިދުމަތްވެސް މި ކްލިނިކުން ފޯރުކޮށްދެއެވެ.
މީގެއިތުރުން ކްލިނިކުގައި އެސްޓީއޯގެ ފާމަސީއެއް ޤާއިމްކޮށްފައި ހުރުމުން، ބޭސް ލިޔެދިނުމުން ވަގުތުން ބޭސް ހޯދުމުގެ ފަސޭހަކަން ބަލިމީހުންނަށް ލިބިގެންދެއެވެ.
ފޭސް ދޭއްގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު، ކްލިނިކުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ޞިއްޙީ ޚިދުމަތެއް ކަމުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!