އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އެކި މައްސަލަތައް ކުރިމަތިވެފައިވާ މަޝްއަރު ގްރޫޕުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަޝްއަރު ގްރޫޕުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި މީހުންގެ އަތުން ފައިސާ ނެގުމާއި އަދި އުމްރާއަށް މީހުން ގެންދިއުމަށްފަހު އެ މީހުން އަނބުރާ ނުނެގެނެވިގެން އެކިފަހަރުމަތިން މައްސަލަތައް ކުރިމަތިވެފައިވެ އެވެ.

Ad
rt

އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އެ ކުންފުނީގެ ވެރިޔާ ފާރިޝްގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ހުކުމް އައީ އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހެދުމަށް ފަހު ފައިސާ ދައްކަން ދިން ޗެކް ބައުންސްވި މައްސަލާގަ އެވެ.

އެ ޓިކެޓްތަކަށް ފައިސާ ދެއްކުމުގެ ގޮތުން 390،126ރ. ނެގޭ ގޮތަށް ދޫކުރި ޗެކާއި 156،050ރ. ނެގޭ ގޮތަށް ދޫކުރި ޗެކްތައް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތިގެން ޗެކް ބައުންސްވި އެވެ. އެ ފައިސާ ދައްކަން ހަތް ދުވަހުގެ މުއްދަތެއް ފާރިޝްއަށް ދިނުމުން ވެސް އެ ފައިސާ ދައްކާފައިނުވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާކޮށް އެ ފައިސާ އޭނާގެ އަތުން ނަގައިދިނުމަށް ދައުލަތުން އެދުނެވެ.

މަޝްއަރު ކުންފުނީގެ ވެރިޔާގެ މައްޗަށް ހަތް ދަޢުވާއެއް

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްގައި ބުނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންވެ, ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ. އަދި އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321ރ. އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި އަމުރުކޮށްފައިވެ އެވެ.

އުމްރާއަށް މީހުން ގެންގޮސް ގިނަ ބަޔަކު ސައުދީގައި ތާށިވި މައްސަލައާ ގުޅިގެން އޭރު އެ ގްރޫޕުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.