އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ދޮގެއްނުކުރުމުގެ އުސޫލުތަކެއް އޮންނަ ކަމަށާއި، އަޅުގަނޑުމެން މުސްލިމުންނަށްވީތީ އިލާހީ ޤާނޫނެއް އޮންނަކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ބާރުއަޅުއްވައި ވިދާޅުވީ، ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް، އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލައި ލިޔުމަކީ އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

''އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ. އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން. އެހެންވީމާ، ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއްކަން އަޅުގަނޑެއްނޫން ކަނޑައެޅީކީ. ޝަކީބެއްނޫން ކަނޑައެޅީކީ. މަތިން اللهُ سُبْحَانَهُ وَتَعَالَى އެކަން ކަނޑައެޅުއްވީ. އެހެންވީމާ، އެ އަބުރު ރައްކާތެރި ކުރުމަކީ އެއީ ކޮންމެ މީހެއްގެވެސް ޙައްޤެއް. އަދި އަނެކާގެ ޒިންމާއެއް'' ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި، ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއްކަން ކަނޑައެޅުއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ. އެހެންކަމުން، އެ އަބުރު ރައްކާތެރިކުރުމަކީ އެއީ ކޮންމެ މީހެއްގެވެސް ޙައްޤެއް ކަމަށާއި، އަދި އަނެކާގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަކީ ބަހުސެއްވެސް ކުރަން އޮތް ކަމެއް ނޫން ކަމަށާއި، ޚާއްސަކޮށް 100 ޕަސެންޓް މުސްލިމް އިސްލާމީ ޤައުމެއްގައި މިކަން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ގޮވާލެއްވީ ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދައްކައި، ތެދު ޙަޤީޤަތާ އެއްގޮތަށް ކޮންމެ ވާހަކައެއްވެސް ދެއްކުމަށެވެ.

"ތެދު ޙަޤީޤަތާ އެއްގޮތަށް ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކޭނެ. ކޮންމެ އެއްޗެއްވެސް ލިޔެވޭނެ. ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކްރިއޭޓް ކުރެވޭނެ. ތެދު ޙަޤީޤަތާ އެއްގޮތަށް. އެހެންވީމާ، އެކަން ކުރާށޭ،" ރައީސް ވިދާޅުވިއެވެ.

އެކަމުގެ ބަދަލުގައި، އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ މި ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއް ނޫންކަން ރައީސް މުޢިއްޒު ވިދާޅުވިއެވެ.