ކުޅުދުއްފުށި ސިޓީގައި މަސްބޭނުމަށް ފާލަމެއް ތަރައްޤީކުރާނެ ސަރަހައްދެއް ކަނޑައެޅުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ މި މަޝްވަރާ ބައްދަލުވުމަށް ސްޕޯޓްސް ފިޝިންގ އަދި މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ.

Ad
rt

އެގޮތުން 11 ސެޕްޓެމްބަރ 2025 (މިރޭ) މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކުޅުދުއްފުށީ އެން.އޯ.ސީ ފުނަވަލު މާލަމުގައެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ މަސްބާނާ ޕްލެޓްފޯރމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ، މި މަސައްކަތް ކުރިއަށް ދާއިރު މަސްބާނާ ފަރާތްތަކާއި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކުރުމަށް ބައްދަލުވުންތަކެއް ބާއްވައި، ގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެކަމަށް ކުރިންވެސް ފާހަގަކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް "ތިލަދުން" އަށް ވިދާޅުވީ، މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމި މައިގަނޑު ސަބަބަކީ، ކުޅުދުއްފުއްޓަކީ ސްޕޯރޓްސް ފިޝިންގނާއި، އެހެނިހެން މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ގިނަ ރައްޔިތުން ތިބި ރަށަކަށް ވުމާއި، ހާއްސަކޮށް ގިނަ ޒުވާނުން އެދެމުންދާކަމަށް ވާތީ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގެ ވަރަށް ގިނަ ޒުވާނުންނާއި އާންމުން ބޭނުންވާކަމަށް ވާތީ، މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން ވަނީ 3 ސެޕްޓެމްބަރ 2025 ގައި، މި މަސައްކަތުގެ އިންޖިނިއަރިންގ، އަރކިޓެކްޗަރަލް، ޕްލޭނިންގ އަދި ތިމާވެށީގެ ލަފާ ހޯދުމަށް ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޝެރެޓް ސްޓޫޑިއޯއާއި ވަނީ މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމަށް ސްޕޭސިން ހަދައި، ތަފްސީލީ ކުރެހުންތައް ކުރަހައި، ބީ.އޯ.ކިއު ތައްޔާރުކޮށް، އަދި ޕްރިލިމިނަރީ އެންވަޔަރަމެންޓަލް އެސަސްމަންޓް ހެދުމަށް ވެސް ހަވާލުކޮށްފައެވެ.