މިދިޔަ އޮގަސްޓް މަހުގެ ޔޫޒަބަލް ރިޒާވް ހަތް ޕަސެންޓަށް ދަށަށް ގޮސް، 190 މިލިއަން ޑޮލަރަށް އަރައިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި މަޢުލޫމާތުތަކުން ދައްކައިފި އެވެ.
މިއީ ޖުލައި މަހާ އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ދަށްވުމެކެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މި ދަށްވުން އައިސްފައިވަނީ އިމްޕޯޓާއި ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ. "ޝޯޓް-ޓާމް ނެޓް ޑްރެއިންސް" ގެ ގޮތުގައި އޮގަސްޓް މަހު 736 މިލިއަން ޑޮލަރު ހޭދަކުރެވިފައިވާއިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.
ރަސްމީ ރިޒާވަށް ބަލާއިރު، އޮގަސްޓް މަހު ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ފެނިފައިވެއެވެ. މިގޮތުން ރަސްމީ ރިޒާވް 810 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ޖުލައި މަހު ހުރި 775 މިލިއަން ޑޮލަރަށްވުރެ މަތީ އަދަދެކެވެ.
އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، ދަރަނި އަދާކުރުމަށް ކުރާ ހޭދަ ވަނީ 60 ޕަސެންޓަށް އިތުރުވެފައެވެ. ޖުލައި މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 213 މިލިއަން ޑޮލަރު ބޭނުންކުރެވިފައިވާއިރު، ތެލާއި ބޭހުގެ ހަރަދުތަކަށް އެސްޓީއޯއަށް 274 މިލިއަން ޑޮލަރު ދޫކުރެވިފައިވެއެވެ.
ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭއިން ވަނީ އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި އިންޑިއާގެ ރިޒާވް ބޭންކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 343 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމާއި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!