ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން މިއަދު ޅ. މާފިލާފުށްޓަށް ފުރައިފިއެވެ.
މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން އުފެއްދުމެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ބޭއްވުނީ ރާއްޖޭގެ 11 ސަރަޙައްދެއްގައެވެ. މީގެ ތެރޭގައި މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.

ބައިވެރިން ހޮވުމުގެ މަރުޙަލާގައި އިންޓަވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ހެދުމަށްފަހު، އެންމެ ޤާބިލު 340 ޒުވާނުން ވަނީ ހޮވިފައެވެ. މި ޒުވާނުން މާފިލާފުށީގައި ހޭދަކުރާނެ ތިން މަސްދުވަހުގެ ތެރޭގައި އެކި ބާވަތުގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!