ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޕާސްޕޯޓުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށް، ސަރުކާރުން އެ ރަށު ކައުންސިލުގައި އެދުނު އިންތިޒާމްތައް އެ ކައުންސިލުން ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހދ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނިމާދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށްޓަކައި، އެކަން ކުރިއަށް ގެންދެވޭނެ ތަނެއް ކައުންސިލުން ހަމަޖައްސަވައި ދެއްވުމުން އެ ހިދުމަތްތައް ފައްޓަވާނެ ކަމަށެވެ.

Ad
rt

ރައީސްގެ އެދިލެއްވުމަށް އިޖާބަދީ ހަނިމާދޫ ކައުންސިލުން ވަނީ އެ ހިދުމަތްތައް ދިނުމަށް ތަނެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 191 ވަނަ އާންމު ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައެވެ. އަދި މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލް އިމާރާތަށް މި ދައުރުގައި އިތުރު ކުރެވުނު ބައިން ކައުންސިލަރުން ބޭނުން ކުރަމުން އައި ބައިގެ ތެރެއިން ބައެއް އެ ހިދުމަތްތައް ދިނުމަށް ހާއްސަ ކުރުމަށް ކައުންސިލުން މިއަދު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހަނިމާދޫ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ ކައުންސިލަކީ އެއްވެސް ސަރުކާރަކަށް ޖެއްސުން ކުރާނެ ކައުންސިލެއް ނޫން ކަމަށާއި، މި ސަރުކާރުން އެދުމުންވެސް ހަނިމާދޫގެ ތަރައްޤީއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. ބޭނުންވަނީ ކަންކުރެވި ހިދުމަތް ވީއެންމެ އަވހަކަށް ރައްޔިތުމީހާއަށް ލިބުން ކަމުގައި ފިރާގު ވިދާޅުވިއެވެ.