24 އޯގަސްޓް 2025 ގެ ނިޔަލަށް ހދ. ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް އެ އަތޮޅު ހަނިމާދޫން ގޯތި ލިބޭނެ ކަމަށާއި، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.
ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރުގެ ތެރޭގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ސަރުކާރުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހަވާލުކޮށްފަ އެވެ.
ގެދޮރުވެރިކަމާއި ވެހޭ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެޗްޑީސީއާ އެކު ހެދި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާ ގުޅޭ ތަފްސީލީ ސާވޭތައް ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާ ދެނެގަތުމާއި މުޅި މަޝްރޫއު އަށް ހިންގާނެ ފުރިހަމަ ހަރަދު ދިރާސާ އާއި ބަޖެޓް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.
މި މަސައްކަތަށް ފަހު 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރާނެ ކަމަށް އެ ވުޒާރާއިން ބުންޏެެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ހިރިމަރަދޫން ހަނިމާދު އަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދު އަށް އަލަށް ބަދަލުވާ ސަރަހައްދުން ގެ ލިބޭނެކަމަށާއި، މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށް ވެސް ގެ ލިބޭނެ ކަމަށެވެ. އަދި ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މަޞްރޫޢުގެ ސަބަބުން ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ އެއްވެސް ރަށްޔިތަކަށް ގެދޮރު ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެކަމަށެވެ.
މީގެ އިތުރުން ހިރިމަރަދޫން މި މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެހެންކަމުން އެއްވެސް ފަރާތަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި ގޯތި ބައިކުރުމާއި އެއްމަދު ކުރުން ފަދަ ގޯތީގެ ރަޖިސްޓްރިއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރުމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!