ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އެފްއޭއެމްގެ އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގު އޮނިގަނޑުގެ ދަށުން ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތް ކުރިއަށްދާނީ ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ރީޖަންގައި މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން 2025 ސެޕްޓެމްބަރު 1 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭނެއެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާނެ ތާވަލު އެފްއޭއެމްއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ނޯތު ރީޖަންގެ މެޗުތައް 2025 އޮކްޓޯބަރު 1 އިން ނޮވެމްބަރު 30 އަށް ކުރިއަށްދާއިރު، ސެންޓްރަލް ރީޖަންގެ މެޗުތައް 2025 ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އަށް ކުރިއަށްދާނެއެވެ. އަދި ސައުތު ރީޖަންގެ މެޗުތައް 2025 ޑިސެމްބަރު 1 އިން 2026 ފެބްރުއަރީ 15 އަށް ކުރިއަށްދާނެއެވެ.
ނަމަވެސް މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލައި މި ތާވަލަށް ބަދަލު އަތުވެދާނެކަމަށް އެފްއޭއެމްއިން ވަނީ ފާހަގަކޮށްފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު league@famaldives.com އަށް ފޮނުވުމަށް އެފްއޭއެމްއިން ވަނީ އެދިފައެވެ.
އަތޮޅުތެރޭގެ ތިން ސަރަހައްދު ޒޯންތައް ބަހާލާފައިވާ ގޮތް:
- އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.
- އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.
- ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.
- ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.
- ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.
- ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ
މި މުބާރާތަކީ ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ރަށްރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމްއިން ކުރިއަށްގެންދާ މުހިންމު މުބާރާތެކެވެ.
މިއީ އެފްއޭއެމްގެ އައު އެސްކޯގެ ދަށުން ބާއްވާ މުބާރާތެކެވެ. ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން އެފްއޭއެމްގެ އެސްކޯގެ އިންތިޚާބު ބާއްވާފައި ވަނީ 26 ޖުލައި 2025 ގައެވެ. އެ ދުވަހު ވަނީ އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު އިންތިޚާބުކޮށްފައެވެ.
ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމަކީ ޓޮމްގެ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!