ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، މޭޔަރ އާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ.
"ބަޔަކަށް އޮޅުވާލެވެން ނެތްހާ ސާފުކޮށް މުޅި ނިޒާމު ބަލިކަށިވާނޭ ގޮތަށް ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމަށް ދިވެހިބަހުން އެ ބިލު މަޖިލީހަށް ހުށަހަޅާ ފާސްކުރީ،" އާޠިފް ވިދާޅުވިއެވެ.
މި ބިލުގެ ސަބަބުން ކައުންސިލަރުންގެ އިންތިޚާބީ ޙައްޤު ގެއްލި، ކައުންސިލްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް އާޠިފް ވިދާޅުވިއެވެ. އަދި ރައްޔިތުން މިކަމުގައި ނުތެދުވެއްޖެނަމަ، ކައުންސިލްތައް އިތުރަށް ނެތިކޮށްލައި، ރައްޔިތުންގެ ބާރު އިތުރަށް ހަނިކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އާޠިފް ވިދާޅުވެފައިވެއެވެ.
"ކޮންމެ ސިޔާސީ ފިކުރަކަށް ނިސްބަތްވިޔަސް، އަތޮޅުތެރޭގެ އެންމެން މިކަމުގައި މިއަދު ނުތެދުވެއްޖެނަމަ މާދަމާ ހިތާމަކުރާނެ،" މޭޔަރ އާޠިފް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބިލް އަދި ތަސްދީދެއް ނުކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!