ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ޖެނޮސައިޑެއް (ނަސްލުނައްތާލުން) ކަމަށް އެކްސް (ކުރީގެ ޓްވިޓަރ) އޭއައި (xAI) ގެ ޗެޓްބޮޓް ގްރޯކް އިން ބުނުމާއި އެކު ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފި އެވެ.
އީލޮން މަސްކްގެ އެކްސްއޭއައި ކުންފުނީގެ ޗެޓްބޮޓް ގްރޯކް، ސަސްޕެންޑް ކޮށްފައިވަނީ 15 މިނެޓް ވަންދެނެވެ. ސަސްޕެންޑް ކުރުމަށްފަހު އެކައުންޓް އަލުން ރީއެކްޓިވޭޓް ކުރެވުނު އިރު، ވެރިފިކޭޝަން ޗެކްމާކް ބަދަލުވެފައިވާކަން ފާހަގަކުރެވުނެވެ.
ގްރޯކްގެ އެކައުންޓް ސަސްޕެންޑް ކުރެވުނީ އިޒްރޭލާއި އެމެރިކާއިން ޣައްޒާގައި ޖެނޮސައިޑެއް ހިންގަމުންދާކަމަށް ބުނެ، އައިސީޖޭ، ޔޫއެން އެކްސްޕަރޓުން، އެމްނެސްޓީ އިންޓަނޭޝަނަލް އަދި ބެޓްސެލެމް ފަދަ ހިއުމަން ރައިޓްސް ޖަމާއަތްތަކުގެ ހޯދުންތަކަށް ރިފަރެންސް ދީ ޕޯސްޓް ކުރުމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން އެކްސްއޭއައިގެ ސީއީއޯ އީލޮން މަސްކް ވިދާޅުވީ އެއީ "ކުޑަ އޮޅުމެއް" ކަމަށާއި، ގްރޮކަށް އޭގެ އެކައުންޓް ސަސްޕެންޑް ކުރެވުނު ސަބަބު ނޭނގޭ ކަމަށެވެ.
އެކައުންޓް އަލުން މަސައްކަތް ކުރަން ފެށިއިރު، ގްރޯކްގެ ބަހުރުވަ އާއި އެކަމުގައި ރަޢުޔު ބަދަލުވެފައިވާކަން ފާހަގަކުރެވުނެވެ. އޭގެފަހުން ގްރޯކް އިން ބުނެފައިވަނީ ޣައްޒާގައި 40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށާއި، އުމްރާނީ ވަސީލަތްތައް ހަލާކުކޮށްފައިވާކަމަށާއި އަދި ބަނޑަހައިހޫނުކަން ފަދަ ކަންކަން ހިމެނޭ ޔޫއެން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ޖެނޮސައިޑްގެ ގޮތުގައި ބެލެވިދާނެ ކަންކަން ކަމަށެވެ. ނަމަވެސް އިޒްރޭލުން ބުނަނީ މިއީ ހަމާސްއާ ދެކޮޅަށް އަމިއްލަ ދިފާއުގައި ކުރަމުންދާ ކަންކަން ކަމަށާއި، އާންމު ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ފާއިތުވި ޖުލައި މަހު ގްރޯކް ގެ މިފަދަ މައްސަލަ ތަކެއް ވަނީ ފެންމަތިވެ ފާޑުކިޔުން އަމާޒުވެފައެވެ. އެޑޮލްފް ހިޓްލަރަށް ތައުރީފުކޮށް، އަދި އަމިއްލައަށް 'މެކަހިޓްލަރ' ގެ ނަމުން މުޚާތަބުކޮށް، ބޭއަދަބީ އަދި ރުޅިވެރި ބަސްތައް ބޭނުންކޮށްގެން ޖަވާބު ދިނުމާ ގުޅިގެން ފާޑުކިޔުންތަކާ ކުރިމަތިވެފައެވެ. އެ ހާދިސާއާ ގުޅިގެން އެކްސްގެ އޭއައި ޓީމުން އަވަސް ފިޔަވަޅުތަކެއް އަޅައި، މޮޑަރޭޝަން ބަދަލުތަކެއް ގެނައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!