ކުރީގެ އަދަދާއި ގުޅޭ:

" ބޭނުމެއް ނޫންތަ؟ " އޭނާ އެހިއެވެ.

Ad
rt

" ތިއީ ހަމަ އަހަންނަށްތަ؟" އަހަރެން އެހީމެވެ.

އެ ވަގުތު ޒިޔާދު އެ މާބޮނޑިއަށް ބަލައިލަމުން ބޯ ޖަހާލިއެވެ.

" އަހަރެން ތައިބާދެކެ ލޯބިވާކަން ވެސް މިހާރު ހަނދާން ނެތުނީތަ؟" އޭނާ އެހިއެވެ.

" ލޯބިވެޔޭ، ކުރިން ބުނި ހަނދާނެއް ހުރޭ. އެކަމަކު ޒިޔާދުއަށް ލޯތްބަކީ ކޯއްޗެއް އެނގިގެން ބުނި އެއްޗެއް ނޫން ކަންނޭނގެ އެއީ. " އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.

" ކުރިން ވެސް އަދި މިހާރު ވެސް އަހަރެން ތައިބާދެކެ ވަރަށް ލޯބިވޭ. ތިއީ އަހަރެންގެ މުޅި ދުނިޔެ. " ޒިޔާދު އެހެން ބުނެ އަހަރެންގެ އަތަށް މާބޮނޑި ލައިދިނެވެ.

ހައިރާންކަން ވެރިވެފައިވާ ލޮލަކުން އަހަންނަށް ހުރެވުނީ އޭރު ވެސް ޒިޔާދުގެ މޫނަށް ބަލާށެވެ. އޭނާ އައިސް އަހަރެންގެ ގައިގައި ފަހަތުން ބައްދާލިއެވެ.

" ދެން ކީއްވެ އެހާ ރޫޑުވަނީ؟ ކިރިޔާ ކަމެއް ވާއިރަށް ބަވާލާ ގޮތަށް ވާހަކަ ދައްކަނީ؟ އަހަންނަކީ ޒިޔާދުގެ ދުނިޔެއަށް ވާއިރު، ދުނިޔެ އެނބުރެމުންދާ ގޮތް ބަލައިނުލަނީ ކީއްވެ؟" ސުވާލަކަށްފަހު ސުވާލެއް އަހަރެން ކުރީމެވެ.

އެ ވަގުތު ޒިޔާދު އަހަރެންގެ ގައިން ދޫކޮށްލައިފިއެވެ. އަދި ކަންނެތް ގޮތަކަށް ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ. ނިތްމަތީ އަތް ބާއްވާލައިގެން އޭނާ އޮތީ އަހަންނާ ދިމާލަށް ބަލައިވެސް ނުލައެވެ.

" ކޮންމެ ދެމަފިރިއަކު ވެސް މައްސަލަ ޖެހޭނެޔޭ. އެކަމަކު އެ މައްސަލަ އޭގެ މަގާމުގައި ބާއްވާފަ، ހައްލުނުކޮށް ކޮންމެ ފަހަރަކު ހިންދާލުމަކީ މައްސަލަ ހައްލު ވުމެއް ނޫނޭ. އެއީ ވަގުތީ ހައްލެކޭ ޒިޔާދު. " އަހަރެން ބުނީމެވެ.

އެ ވަގުތު ފޫހި ގޮތަަކަށް ޒިޔާދު ތުންތަޅުވާލި އަޑު އަހަންނަށް އިވުނެވެ. އަހަރެން ދައްކާ ވާހަކަތައް އޭނާއަށް ކަމުނުދިޔައީކަން އެނގުމުން އަހަރެން ވަރަށް ހިތްހަަމަ ނުޖެހުނެވެ. އެހެންވެ، އަތުގައި އޮތް ބޮޑު މާބޮނޑި ގެންގޮސް މޭޒުމަތީ ބޭއްވުމަށްފަހު، ޒިޔާދުގެ ކުރިމަތީގައި ހުއްޓުނީމެވެ.

" މާ ބޮނޑިއެއް ދީގެން ރުޅިވެރިކަން ހައްލުކުރިޔަސް، ފަހުން ހަމަ އެ މައްސަލަ ހިލެއެއްނު. ރުޅި އައިސް ދެބަސްވާ ކޮންމެ ފަހަރަކު އެނދުމައްޗަށް އަރުވާފައި އަރާމުކޮށްދީގެން އެ ދޭ ވަގުތީ ލައްޒަތަކުން ވެސް ސިކުނޑީގައި ހަރުލާފައިހުންނަ އެއްޗެއްސެއް ނުދާނެޔޭ. ވިސްނަބަލަ ޒިޔާދު. މި ގުޅުން ރަނގަޅު ކުރަން މަސައްކަތް ކޮށްބަލަ." އެ ހިސާބުން އަހަންނަށް ރޮވިއްޖެއެެވެ.

" ހޫމް. ފެށީ. ތިއީ ވާވަރަކީ. ރަނގަޅަށް ހަމައަށް އަނގައިން ނުބުނެވޭނެ. ދެން ރޮއި ނިންމާ ފުރަތަމަ." ޒިޔާދު އެހެން ބުނެ އަނެއްކާ ވެސް ސީލިންގާ ދިމާލަށް ބަލަންފެށިއެވެ. ހިތަށް ކުރި އަސަރުން، ޒިޔާދު ކައިރީ އިންނަން ވެސް އަހަރެން ބޭނުމެއް ނުވިއެވެ. ފުންމައިގެން ތެދުވެ، ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ.

" މަޑުކޮށްބަލަ." ޒިޔާދު އަހަރެންގެ އަތުގައި ހިފަމުން އަހަރެން ހުއްޓުވިއެވެ.

" ކީއްކުރަން؟" ރޮވިފައި ހުރެ އަހަރެން އެހީމެވެ.

" އަން! މިއޮތީ ތައިބާއާއި ލިލީއަށް އަހަރެން ގަނެދިން އެޕާޓްމަންޓް ތަޅުދަނޑި. މި ދޭން ވެގެން މާބޮނޑި ވެސް ހިފައިގެން މި އައީ. އެކަމަކު ދެން ނެތް މޫޑެއް." އަހަރެންގެ މުށުތެރެއަށް ތަޅުދަނޑި ލައިދިނުމަށްފަހު ޒިޔާދު ތެދުވެއްޖެއެވެ.

" ތިން ދުވަސް ތެރޭ މި ތަން ހުސްކުރަން ޖެހޭ. " ޒިޔާދު ބުންޏެވެ.

ތަޅުދަނޑިއަށް ބަލަހައްޓައިގެން ހުރެ އަހަރެން އިސްޖަހާލީމެވެ.

" އަހަރެން ކުރާ ކޮންމެ މަސައްކަތެއް ވެސް ކުރަނީ ތި ދެ މީހުންގެ އުފަލަށްޓަކައި. އެކަން ތައިބާ ހަނދާން ނުހުންނާތީ އަހަރެން ވެސް ދެރަވެޔޭ." ޒިޔާދު ބުންޏެވެ.

އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަހަރެންގެ ހިތަށް އަރާފައިބަމުންދާ ޝަކުވާތައް ޒިޔާދުއަށް ކިޔައިދިނުމުން ވެސް އޭނާއަކަށް ފަހުމެއް ނުވިއެވެ.

" ޒިޔާދު. ޒިޔާދު މަސައްކަތް ކުރަނީ އަހަރެމެންނަށްޓަކައިކަން އަހަންނަށް އެނގެޔޭ. އެކަމަށް އަހަރެން އެޕްރިޝިއޭޓް ވެސް ކުރަމޭ. އަހަރެން މި ދައްކަނީ ހަމަ ޒިޔާދު ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ވާހަކަ. ޒިޔާދު އިސްލާހު ކުރަންޖެހޭ ކަންކަމުގެ ވާހަކަ. ޕާސަނަލް ލައިފްއާ ވޯކް ލައިފް މިކްސް ނުކޮށްބަލަ." އަހަރެން ބުނެލީ އާދޭހުގެ ރާގެއްގައެވެ.

" ބުނެބަލަ. ކިޔާބަލަ. ކޮންކަމެއްތަ އަހަރެން ރަނގަޅު ކުރަންވީ؟ " ޒިޔާދު ކުޑަކޮށް ދުރަށް ޖެހެމުން ބުނެލިއެވެ.

އޭނާ މިހާރު ވެސް ރުޅި އަންނަން ފަށައިފިކަން އެނގި އަހަރެން ޖެހިލުންވިއެވެ. ނަމަވެސް މި ފަހަރު އަހަރެން ވެސް ދުލެއް ނުކުރާނަމޭ ހިތަށް އެރިއެވެ. ދިރިއުޅުމުގެ ހުންގާނު ޒިޔާދުއަށް ދީގެން، ގަދަ ކަނޑުގައި ތެޅިތެޅި އަހަރެން ވަރުބަލިވެއްޖެއެވެ. ނަގާ ކޮންމެ ރާޅަކުން ސަލާމަތްވާން މަސައްކަތްކޮށްކޮށް ދިރިއުޅުން މަތިން ފޫހިވާން ފަށައިފިއެވެ.

" ޒިޔާދު. އަހަރެން މި އުޅެނީ ޒުވާބު ކުރާކަށް ނޫން. ޕްލީޒް. ހިތްވަރުކޮށްފައި ރުޅި ނައިސް އަޑު އަހައްޗޭ. އެނގެއެއްނު އަހަރެން ވަރަށް އިމޯޝަނަލްވާނެކަން. އެކަމަކު ވެސް ކެތްކުރައްޗޭ މި ވާހަކަތައް އަޑު އަހަން. އެ މީހެއްގެ މިސްޓޭކް، މައްސަލަތަކުގެ ވާހަކަ އަޑު އަހަން އެއްވެސް މީހަކަށް ފަސޭހައެއް ނުވާނެ. އަމިއްލަ ނަފްސަށް ގޯހެއް ހެދޭކަން ގަބޫލު ކުރާނެ މީހަކު ވެސް ނުހުންނާނެ." އަހަރެން ފުރަތަމަ ބޭނުންވީ ޒިޔާދުއަށް ވިސްނައިދޭށެވެ.

" ހޫމް ދެން މިހާރު ވެސް މާ ބޭކާރު ވާހަކަ ގިނަ ވެއްޖެ. ދައްކަން އުޅޭ ވާހަކައެއް ތަންކޮޅެއް ސާފުކޮށް ދައްކަބަލަ." ޒިޔާދުގެ ޖުމްލަތަކުން އަހަންނަށް ލިބުނު ހައިރާންކަމަށް ވުރެ ހިތް ދަތިވިއެވެ.

އަހަރެން ދައްކާ ވާހަކަ ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ނޫނީ އެނގޭކަމަށް ހަދަން ބޭނުން ނުވަނީއެވެ.

" ޕްލީޒް ޒިޔާދު. ކޮންމެވެސް ވަރަކަށް އަހަންނަށް އިހްތިރާމް ކޮއްބަލަ. އެނގެއެއްނު މި ދިރިއުޅުމަށާއި ޒިޔާދުއާމެދު އަހަރެން ވަރަށް އުއްމީދު ކުރާކަން. އަހަންނަކީ އަބަދުވެސް އެކްސްޕެކްޓޭޝަން ވަރަށް ހައި މީހެއްކަން ޒިޔާދުއަށް އެނގެއެއްނު. އެކަމަކު އަހަރެން އުއްމީދު ކުރަނީ ލޯބިން އުޅެން އެކަނި." އަހަރެންގެ އަޑުގައި ހުރި ތުރުތުރުއެޅުމެއް ނުކެނޑުނެވެ. އެތައް ފަހަރަކު ހިންދިރުވާލުމުން ވެސް ހިތަށް ފަސޭހައެއް ނުވިއެވެ.

" ދެން ވެސް އަހަރެންގެ މިސްޓޭކްތައް ކިޔައިދީބަލަ." ޒިޔާދު ބުންޏެވެ.

އޭރު އަހަރެން ހުރީ ވާހަކަ ދައްކާ ހިތް ނުވެފައެވެ. ނަމަވެސް އެހެން ހެދިޔަސް ޒިޔާދު އަންނާނީ ރުޅިއެވެ. އެހެންވެ މިއަދު ރަނގަޅަށް ވާހަކަ ދައްކަން އަހަރެން ނިންމީމެވެ.

" އަހަރެން ވާހަކަ ދައްކަން ފަށާއިރަށް ފުންމައިގެން ނާންނައްޗޭ. ހިތްވަރުކޮށްފައި އަޑު އަހާނީ." އަހަރެން ބުނީމެވެ.

ދެ ލޯ ވައްކޮށްފައި ޒިޔާދު އަހަންނާ ދިމާލަށް ބަލަން އިނެވެ.

" ފުރަތަމަ ކަމަކަށް ޒިޔާދުގެ މޫޑު ރަނގަޅު ކުރަންވީ. މާ އަވަހަށް މޫޑު ބަދަލުވަނީ. ރުޅި އައިސް ރަތްވެގެން އަހަންނަށް ފޮޅާލާފައި އަނެއްކ މިނެޓްގައި ހީނުވާނެ ކަމެއް ވީ ހެން ވެސް. ފަހަރެއްގައި ޒިޔާދުގެ ހިތުން އެ ކަމެއް ފުހެވުނަސް، އެ ފަދަ ކޮންމެ ކަމަކުން އަހަރެންގެ ހިތުގައި ލައްގަނޑެއް ޖެހެޔޭ. ޒިޔާދު އަހަންނާ ދިމާލަށް ބަވާލާ ގޮތުން އަހަރެން ދެރަވެޔޭ. ފަހުން ހީހީފައި އައިސް ވާހަކަ ދެއްކިޔަސް އަހަރެންގެ ހިތުން އެ ކަމެއް ނުފިލަޔޭ. " އަހަންނަށް ވާހަކަ ދެއްކުނީ ވެސް ކުރިއަށް ވުރެން ބާރަށެވެ.

" ދެން ކެއާ ކުރުމާ ޝެއާ ކުރުމަކީ ޒިޔާދުގެ ނެތް ކަމެއް. އޮފީހުގައި ވެސް ޒިޔާދު ބޯ ގޮވާ ކަންކަން ދިމާވާނެ ދޯ. ކިއްތަ ވާނީ އަހަންނާ ޝެއާކޮއްލިއްޔާ؟" އަހަރެން އެހެން ބުނުމާއެކު ޒިޔާދު ބަލައިލިއެވެ.

" އޮފީހުގެ ވާހަކަތައް ޝެއާ ކޮއްގެން ތައިބާއަށް ކޮށްދެވޭނީ ކޮންކަމެއް؟" އޭނާ ބުނެލީ ރުންކުރު ގޮތަކަށެވެ.

" ތެދެއް! އޮފީހުގެ މައްސަލަތައް އަހަންނަކަށް ހައްލު ކޮށެއް ނުދެވޭނެ. އެކަމަކު ޒިޔާދުގެ ސިކުނޑިއަށާ ހިތަށް ހަމަޖެހުން ހޯދައިދެވޭނެޔޭ. އެންމެ ކުޑަމިނުން ސްޓްރެސްއޭ ބުނެލިޔަސް އެކަމަށް ދޭނެ ފަރުވާ ވެސް އަހަންނަށް އެނގެޔޭ. ކީއްވެތަ އަހަރެން އެހާ ދުރުކުރަނީ؟" އަނެއްކާ ވެސް އަހަންނަށް ރޮވޭ ގޮތްވިއެވެ.

" އަހަރެން ބަލިވީމަ ވެސް ކުރިއާ މިހާރު ޒިޔާދު ހާސްބައި ތަފާތު. ބޭސް ނެތޭ ބުނީމަވެސް ގަނެލައިގެން ގެނެސްދޭކަށް ނޭނގޭތަ؟ ނޫނީ އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ޒިޔާދު ދިޔައީމަ އަހަރެން އުފާވާނެކަމެއް ނޭނގޭތަ؟ އަހަރެންގެ ކަމެއް ވިއްޔާ އަބަދުވެސް އަހަރެން ޖެހޭނީ އެކަނި އުޅެން. ފިރިޔަކު ހުންނަހެން ވެސް މިހާރަކު ހިއެއް ނުވެ." އަހަރެން ބުނީމެވެ. ދެ ލޮލުން އޮހިރެމުން ދިޔަ ކަރުނަތައް އަހަރެން ފުހެން ފެށީމެވެ.

" ތި އަންނަ ސިނގު ރުޅިއާ ރޫޑު ގޮތްގަނޑު ދޫކޮށްލަބަލަ ހެޔޮނުވާނެ. އެ ކުޑަ ދަރިފުޅަށް ވެސް މި މަންޒަރުތައް ފެންނާނެޔޭ. އަހަރެން ހިތާމަކުރާތަން ވެސް ފެންނާނެޔޭ. ޒިޔާދުއަށް އެނގެއެއްނު އަހަރެންގެ ހުރިހާ ކަމެއް ވެސް ގުޅިފައި އޮތީ ޒިޔާދުއަށްކަން. ވީ އިރު ކީއްވެތަ އަހަރެންގެ ޖަޒްބާތުތައް އެ ފުށް މި ފުށަށް ޖަހަނީ." އަހަރެން ބުނީމެވެ.

އަނގައިން ބަހެއް ވެސް ނުބުނެ ޒިޔާދު އިނީ ކަނުލައި އަޑުއަހާށެވެ. އޭނާ ހިމޭންވެފައި އިނުމުން އަހަރެން ބޭނުންވީ ހުރިހާ ޝަކުވާތަކެއް އޭނާގެ ކުރިމައްޗަށް ބަންޑުންކޮއްލާށެވެ.

" ސެކްސް ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. އެކަން ވެސް ކުރަނީ ޒިޔާދު ބޭނުންވީމަ. ޒިޔާދު މޫޑު ހުންނަ ގޮތަކުން. ޒިޔާދުއަށް ވަގުތުވީމަ. އެ ހެޔޮ އެއް ހަފްތާ، އެއް މަސް ނޫނީ ދެ މަސް ވެގެން ދިޔަސް. ޒިޔާދުގެ އިހްސާސްތަކުގެ މައްޗަށް އެކަނި އެކަން ވެސް މި ދިރިއުޅުމުގައި ހިނގާނީ. ބައެއް ފަހަރު ހީވާނެ އަހަރެން ކާލަފާނެހެން. އަނެއް އިރު ހީވާނީ އަހަންނަކީ ޒިޔާދަށް ހަރާން މީހެކޭ. " އެހެން ބުނެވުނު އިރު އަހަންނަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

" ގަބޫލު ކުރަމޭ. ތި ހުރިހާ ވާހަކައެއް ވެސް އަހަރެން ގަބޫލު ކުރަމޭ. އެކަމު މިއަދު އަހަރެން ވަރަށް ދެރަވެއްޖެ." ޒިޔާދު އެހެން ބުނުމުން އަހަރެންގެ ހިތަށް އުފާވެރިކަން ލިބުނު ކަހަލައެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަޔާ، އަހަރެންގެ ވާހަކަތަކުން ޒިޔާދު ހިތުގައި ޖެހުނީކަން އަހަންނަށް އެނގުނެވެ. އެހެން ވިޔަސް، އޭނާ ކުށް ގަބޫލުކޮށް އިސްލާހުވުމަކީ އަހަރެން އެންމެ އެދޭ ގޮތެވެ.

" އަހަރެން ދެރަވީ ތައިބާއަށް އަހަރެން އަންޑަސްޓޭންޑް ނުވީމަ. އަހަރެންގެ ވޯކް ސްޓްރެސްއަކީ މީހަކަށް ކިޔައިދީގެން އަހަންނަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫން. ޝެއާ ކުރުމަކީ އަހަރެންގެ ކަށީގައި ހިފާފައި ހުރި ކަމެއް ނޫން. ކެއާ ނުކުރަނީ ޓައިމް ނުވާތީ. ގެއަށް އަންނައިރު ހުންނަނީ ވަރުބަލިވެފައި. ސެކްސްވެސް ނުކުރަނީ އެހެންވެ. އަހަރެން މި ގަނަތެޅެނީ ތައިބާމެންގެ މުސްތަޤްބަލަށް. އެކަމަކު އަހަރެން ދޯ މި ކުއްވެރިވީ" ޒިޔާދުގެ ޖުމްލަތަކުން އަހަރެން ހިތުގައި ޖެހުނެވެ.

އޭނާއަށް އަދިވެސް ނުވިސްނެނީއޭ ހިތަށް އެރިއެވެ. އަހަރެން ދައްކާ ވާހަކަތައް ޒިޔާދުއަށް ގަބޫލު ނުކުރެވޭކަން އަހަންނަށް އެ ވަގުތު ޔަގީން ކުރެވުނެވެ.

" ތައިބާ ވެސް ޖެހޭނީ އަހަރެންގެ ވޯކް ގަބޫލު ކުރަން. މިހާރު އަދި ކޮމްޕެނީން އެބަ ފޮނުވާ ރާއްޖެތެރޭ ރަށްރަށަށް މީހުން ވެސް. ހަމަސް ދުވަހަށް ފަހަރެއްގައި އަހަރެން ވެސް ދާން ޖެހިދާނެ." ޒިޔާދު ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ގޮތް ނޭނގޭ އުފާވެރިކަމެކެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)