ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ.

Ad
rt

މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ މަހާސިންތާގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމު ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މިފަހަރުގެ މަހާސިންތާގައި މަޝްވަރާކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަހާސިންތާގައި ޢިލްމުވެރިންނާއި، މި ދާއިރާގެ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން ބައިވެރިވެ، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބޭއްވިފައިވަނީ 2024 ވަނަ އަހަރުގައެވެ. މި މަހާސިންތާއަކީ އެ ކާމިޔާބު މަސައްކަތުގެ ދެވަނަ އަހަރީ ބައްދަލުވުމެވެ.