އިޓަލީވިލާތުގެ ޕާލަމެންޓްގެ މެމްބަރުންތަކެއް ފަލަސްތީނުގެ ދިދައިގެ ކުލައިން ހެދުންއަޅައި، ފަލަސްތީނަށް އިންސާފް ހޯދައިދިނުމަށް ގޮވާލައި އިޓަލީގެ ޕާލަމެންޓްގައި ސުލްހަވެރި އިހްތިޖާޖެއްކޮށްފިއެވެ.
މިކަން ހިނގާފައި ވަނީ އިޓަލީގެ ޗެމްބަރ އޮފް ޑެޕިއުޓީސްގެ ސުވާލު ވަގުތުގައި، އެ ގައުމުގެ ޕާލިމެންޓަރީ ރިލޭޝަންސް މިނިސްޓަރ ލޫކާ ސިރިއާނީ ފަލަސްތީނަށް އިޓަލީން ދޭ އިންސާނީ އެހީގެ ތަފްސީލު ހާމަކުރި ވަގުތާއި ދިމާކޮށެވެ. އެވަގުތު އިޓަލީގެ ޕްރޮގްރެސިވް ޕާޓީއެއް ކަމުގައިވާ ފައިވް ސްޓާ މޫވްމަންޓުން ޣައްޒާގެ ހަނގުރާމައާ މެދު ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ރަމްޒީ އިހުތިޖާޖެއް ވަނީ ކޮށްފައެވެ.
އިޓަލީގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މި އިހުތިޖާޖުގައި އިސްރާއީލަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށާއި އިސްރާއީލުގައި ހުންނަ އިޓަލީގެ އެމްބެސެޑަރު އަނބުރާ ގެނައުމަށްވެސް ގޮވާލިއެވެ.
ފައިވް ސްޓާގެ ޕާލިމެންޓް މެމްބަރުން މަޖިލީހުގައި "ކޮރިއޯގްރަފީ" އެއް ދައްކައި އެންމެންގެ ސަމާލުކަން ހޯދިއެވެ. އެމީހުން އިށީނދެ ތިބި ގޮނޑިތަކުގެ ސަފުތަކުގައި ހުދު، ރަތް، ފެހި އަދި ކަޅު ކުލަ ލައިގެން ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދިނެވެ. ފަލަސްތީނު ދައުލަތް ބަލައިގަތުމާ މެދު އިޓަލީގެ ސިޔާސަތު ސާފުކުރުމަށް އެމްޕީ ރިކާޑޯ ރިކިއާޑީ ސުވާލުކުރެއްވި ވަގުތު މެމްބަރުން ތެދުވެވަޑައުގަތެވެ.
"މިއަދު އަޅުގަނޑުމެން މި ދިދަ ނުނަގާނަން، ސަބަބަކީ ތިޔަބައިމީހުން އެ އަތުލާނެތީ، މިއަދު އަޅުގަނޑުމެން މިތިބީ އެ ދިދަ ލައިގެން. މިއީ މިހާރު ހަމައެކަނި ފަލަސްތީނުގެ ދިދައެއް ނޫން، މިއީ އިންސާނިއްޔަތަށްޓަކައި ހަނގުރާމަކުރާ އެންމެންގެ ޔުނިވާސަލް ދިދަ. ތިޔަބައިމީހުންނަށް އެނގޭ އަދި މިކަމުގައި ހަނުތިބުމުގެ ކުށުގައި ތިޔަބައިމީހުން ވަނީ ކުށްވެރިވެފައި، ގައުމެއް ނައްތާލަމުންދާއިރު އެކަމުން އެއްފަރާތެއްގައި ތިބެ ތިޔަބައިމީހުން ވަނީ ނަސްލުނައްތާލަމުންދާ ލީޑަރެއްގެ އަތުގައި ހިފާފައި، މި ގަރުނުގައި މިބައިގައި ހިނގާ އެންމެ ބޮޑު މަރުގެ އަނިޔާއަށް ތިޔަބައިމީހުން ތި ދަނީ ސިޔާސީ އަދި އިގްތިސާދީ ގޮތުން އެހީތެރިވަމުން، އަދި އިންސާނިއްޔަތުކަން ނެތްކަމުގެ ކުށުގައި ތިޔަބައިމީހުން އަބަދުވެސް ތިބޭނީ ކުށްވެރިވެފައި." އެމްޕީ ރިކިއާޑީ ވިދާޅުވެފަވެއެވެ.
"މިއީ ޖެނޮސައިޑެއްތޯ އަދިވެސް ބަހުސްކުރަމުންދާކަން އެކަނިވެސް ފުދޭ. ޝައްކުވެސް ތިޔަބައިމީހުންގެ ހިތް ހަރަކާތްތެރިކުރަންވާނެ. ހަގީގަތަކީ، އަޅުގަނޑުމެން މިތިބީ ޖެނޮސައިޑަށްވުރެ މާ އެއްކިބާވެފައި، ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ބަޔާންކުރާނެ ބަހެއް ރަދީފުގައި ނެތް." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
އިޓަލީގެ މެމްބަރުންތަކެއް ފަލަސްތީނު ދިދައިގެ ކުލައިން ހެދުން ލައިގެން ފަލަސްތީނުގެ ހައްގަށް ގޮވާލަނީ
އެމްޕީ ރިކިއާޑީ އަށް ޖަވާބުދެއްވަމުން މިނިސްޓަރ ސިރިއާނީ ވިދާޅުވެފައި ވަނީ ޣައްޒާއާ ގުޅޭގޮތުން ޑިޕްލޮމެޓިކް އަދި އިންސާނީ މަސައްކަތްތަކުގައި އިޓަލީ ފުރިހަމައަށް ބައިވެރިވާ ކަމަށެވެ. އަދި ކާބޯތަކެތީގެ އެހީއަށް ވޯލްޑް ފުޑް ޕްރޮގްރާމަށް 5.45 މިލިއަން ޑޮލަރު އިތުރަށް ދޫކުރަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑިފެންސް މިނިސްޓްރީއާ ގުޅިގެން ޣައްޒާއަށް އަސާސީ ތަކެތި ވައިގެ މަގުން ފޯރުކޮށްދިނުމުގެ މިޝަންތަކުގައި އިޓަލީ ބައިވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސިރިއާނީ ފާހަގަކުރެއްވި ގޮތުގައި ފުޑް ފޯ ޣައްޒާ އިނީޝިއޭޓިވްގެ ދަށުން، ވޯލްޑް ފުޑް ޕްރޮގްރާމުން އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އައު ގާފިލާތައް ފޮނުވުމަށް ދަނީ އިންތިޒާމުކުރަމުންނެވެ. އަދި ސިއްހީ ދާއިރާގައި އިޓަލީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި 150 ފަލަސްތީނު ކުދިން، އާއިލާގެ މެމްބަރުންނާއެކު އިޓަލީގައި ފަރުވާ ދިނުމަށް ގެނައުން ނިންމާފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ޖުމްލަ ގޮތެއްގައި، އެކި ގޮތްގޮތުން 1,000 އަށްވުރެ ގިނަ މީހުން ޣައްޒާއިން ސަލާމަތްކޮށް އިޓަލީއަށް ގެނެވިފައިވޭ، އިޓަލީގެ މަސައްކަތްތަކާއި ފަލަސްތީނުގެ އަދި އިސްރާއީލުގެ އިސްވެރިންނާއެކު ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، އަޅުގަނޑުމެން މިހާރު ވަނީ 20 ކުޑަކުދިން ހިމެނޭގޮތަށް އިތުރު 50 ފަލަސްތީނު ރައްޔިތުން މިތަނުގައި ފަރުވާ ދިނުމަށް ތައްޔާރުވަމުންނެވެ." " ސިރިއާނީ ވިދާޅުވިއެވެ.
މިނިސްޓަރު ވާހަކަ ނިންމާލެއްވީ ޣައްޒާގެ ރައްޔިތުންނަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މެދުއިރުމަތީގައި ސުލްހަވެރިކަމާއި ރައްކާތެރިކަން ގެނައުމަށް އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން މެމްބަރުންނަށް ދެއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!